ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ގެ ޗެއާމަންގެ މަގާމު ހުސްކޮށް އޮންނަތާ ދެމަސް ފަހުން އެ މަގާމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީގު ހަމަޖައްސައިފިއެވެ.
މި މަގާމު ހުސްވެފައިވަނީ މި މަގާމުގައި ކުރިން ހުންނެވި ލުބްނާ ޒާހިރު ހުސައިން ފޮރިން މިނިސްޓްރީ އަށް ބަދަލުކުރެއްވުމާއި ގުޅިގެންނެވެ.
އެންޑީއޭގެ ޗެއާމަންގެ މަގާމަށް އައްޔަންކުރެއްވި ސިއްދީގަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މި ސަރުކާރުގެ ސްޓޭޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސިއްދީގަކީ ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސް ހިންގެވުމުގައިވެސް އިސްކޮށް އުޅުއްވި ބޭފުޅެކެވެ.
ފާހަގަކުރެވޭ ގޮތުގައި އެންޑީއޭ އަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ޓްރެފިކް ކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށް ފިޔަވަޅު އެޅުމާއި މަސްތުވާތަކެއްޗާ ގުޅިފައިވާ ކުށްކުށާއި މަސްތުވާތަކެތި ބޭނުންކުރުމާ ގުޅިގެން ދިމާވާ ސިއްހީ މައްސަލަތައް ދެނެގަނެ އެކަމާ ދެކޮޅަށް ގައުމީ ސިޔާސަތުތައް ތަންފީޒުކުރުމުގެ މަސްއޫލިއްޔަތު އޮންނަ ތަނެކެވެ.
ނަމަވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ފަރުވާ ނުލިބޭކަމުގެ ކަންބޮޑުވުންތަކާއި، ޝަކުވާތައް މީހުން އަންނަނީ ކުރަމުންނެވެ.
