މަސްތުވާ ތަކެއްޗަށް ދެވި ހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ދެކުނުގެ ތިން އަތޮޅުގައި ގާއިމްކޮށްފައިވާ ސެންޓަރުތަކެއްގައި ރިމާންޑް ހިދުމަތް ދޭން ފަށައިފިއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާންގައި ބުނީ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމައްޓަކައި، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގެ ދަށުން ފަރުވާ ދެމުންދާ ތިން ސެންޓަރެއްގައި ރިމާޑްގެ ހިދުމަތް ދޭން މި މަހުގެ 18 ވަނަ ދުވަހުން ފެށިގެން ފަށާފައިވާ ކަމަށެވެ. އަދި އެ ސެންޓަރުތައް ހިންގަމުން ދާނީ ނެޝަނަލް ޑްރަގް އެޖެންސީގެ ބެލުމުގެ ދަށުން ކަމަށް ވެސް ހޯމް މިނިސްޓްރީން ބުނެއެވެ.

ހުޅުވި ރިމާންޑް ފެސިލިޓީ ސެންޓަރުތައް:

  • ގދ. ތިނަދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރ
  • ޏ. ފުވައްމުލަކު ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރު
  • ސ. ހުޅުދޫ ވިލުނު ސެންޓަރު

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެންޑިއޭގެ އޮފިޗަލަަކު ވިދާޅުވީ، މި ސެންޓަރުތަކަކީ މީގެ ކުރިން ވެސް ގާއިމްކޮށްފައިވާ ސެންތަރުތަކެއް ކަމަށާއި އެތަނުގައި ރިހެބިލިޓޭޝަންގެ ފަރުވާ އާއި ކޮމިއުނިޓީ ފަރުވާ ދެމުން އައި ކަމަށެވެ. މިހާރު އެތަންތަނުން ރިމާންޑް ހިދުމަތް ދޭން ފަށާފައިވާ ކަަމަށާއި މިއީ މަސްތުވާ ތަކެއްޗަށް ދެވި ހިފާފައި ތިބޭ މީހުން ހައްޔަރުކޮށް ބަންދު ކުރުމުގެ ބަދަލުގައި ރިމާންޑްގައި ބައިތިއްބައިގެން ފަރުވާ ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްގެ ތެރެއިން ހިދުމަތް ފުޅާ ކުރުމަށް އެޅި ފިޔަވަޅެއް ކަަމަށް އޭނާ ވިދާޅުވިއެވެ.

މާލޭއާއި އަތޮޅުތެރޭގެ ރަށްރަށުގެ މަގުތަކުގެ މަތީގައި މަސްތުވެގެން އުޅޭ މީހުންގެ އިތުރުވެފައިވާ މައްސަލައަކީ މިހާރު މި މުޖުތަމައުތެރޭގައި ފެންނަމުން އަންނަ އިޖްތިމާއީ މައްސަލަތަކުގެ ތެރެއިން އާންމުންގެ ބޮޑު ކަންބޮޑުވުމެއް އޮތް މައްސަލައެކެވެ. ބައެއް ފަރާތްތަކުން މިފަދަ މީހުން ކުރާ ކުށްތަކުގެ ސަބަބުން އަނިޔާކޮށް ފޮޓޯއާއި ވީޑިއޯތައް ނަގައި ސޯޝަލް މީޑިއާގައި ވެސް އަންނަނީ އާންމު ކުރަމުންނެވެ. މިފަދަ މީހުންގެ ތެރޭގައި ހާލުގައި ޖެހިފައި ތިބި މީހުންނާއި ވަންނާނެ ތަނެއް ނެތި މާލޭގެ މަގުތަކުގައި އުޅެމުންދާ މީހުން ވެސް އެބަ ތިއްބެވެ.

އެންޑީއޭއިން ވަނީ މިފަދަ މީހުން މަގުމަތީގައި ތިބޭ ތަން ފެންނަ ނަމަ އެ އެޖެންސިއަށް ރިޕޯޓުކުރުމަށް އެދިފައެވެ. މިފަދަ ކޭސްތައް އިތުރުވަމުން އަންނާތީ މަސްތުގެ ވަބާގައި ޖެހި ދެވިހިފާފައިވާ ފަރާތްތަކަށް ސިއްހީ އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގްސަދުގައި މިހާރު ހާއްސަ އޮޕަރޭޝަނެއް ވެސް އެންޑީއޭ އިން އަންނަނީ ހިންގަމުންނެވެ.

މި އޮޕަރޭޝަންގައި އަމިއްލައަށް ވެސް ގުޅައިގެން ބައިވެރިވެވޭނެއެވެ. މި އޮޕަރޭޝަންގައި ބައިވެރިވުމަކުން ކުށުގެ ރެކޯޑްގައި ނުހިމެނޭނެ ކަމަށާއި ކުށުގެ ރިކޯޑް ކުރުމަށް ވުރެ ބޮޑަށް މި އޮޕަރޭޝަން ހިންގަނީ ސިއްހީ ހިދުމަތެއްގެ ގޮތުގައި ބަލައިގެން މުޖުތަމައުގައި މަސްތުވާ އެއްޗެއްސަށް ދެވި ހިފާފައިވާ މީހުން އެކަމުން ސަލާމަތް ކުރުމަށް ކަމަށް އެންޑީއޭ އިން ވަނީ ބުނެފައެވެ.

މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތަކަށް ފަރުވާގެ ނިޒާމަށް އަމިއްލަ އަށް ހިދުމަތް ހޯދަން ބޭނުންވާ ފަރާތްތައް އެންޑީއޭގެ ހޮޓްލައިން 1410 އަށް ގުޅައިގެން ހިދުމަތަށް އެދި ނަން ނޯޓު ކުރެވޭނެއެވެ.

އެންޑީއޭ އިން ދޭ ފަރުވާގެ ނިޒާމުގައި މީގެ ކުރިން ބޮޑު ބެކްލޮގެއް އޮތް ނަމަވެސް މިހާރު އެ ބެކްލޮގް ވަނީ ވަރަށް މަދުވެފައެވެ. އެ ބެގްލޮޖް ދަށްވެފައި މިވަނީ ރަށްރަށުގެ ސިއްހީ މަރުކަޒުތަކާ ގުޅިގެން ކޮމިއުނިޓީ ފަރުވާ ދޭން ފެށުމުންނެވެ. އަދި އަލަށް ހުޅުވާ ފެސިލިޓީތައް އިތުރުވުމަކީ ފަރުވާގެ ނިޒާމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނެ ކަމެއް ކަމަށް އެ އެޖެންސީން ބުނެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމަކީ ޖިނާއީ ކުށެއްގެ އިތުރުން ސިއްހަތަށް ނުހަނު ގެއްލުން ހުރި އަދި ފުރާނައަށް ނުރައްކާވުމުގެ ފުރުސަތު އިންތިހާއަށް އޮތް ކަމެކެވެ. މިހާރު ދިވެހިންގެ ތެރޭގައި ވެސް ޕާޓީ ޑްރަގްސްގެ އިތުރުން މަސްތުވުމުގެ ނުރަނގަޅު އާދަޔާއި ގުޅިފައިވާ އެހެނިހެން ކަންތައްތައް ވެސް އަންނަނީ އިތުރު ވަމުންނެވެ. އެ ގޮތުން ޑްރަގް އިންޖެކްޓް ކުރުމާއި އެ ކަމުގެ ސަބަބުން ނުރައްކާތެރި ބަލިތައް ވެސް މަސްތުވާ އެތައް ބަޔަކު އަންނަނީ ތަހައްމަލު ކުރަމުންނެވެ.