ގުޅީފަޅު ކައިރި ކަނޑުމަތީގައި މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނިފައިވަނީ ޗައިނާ ރައްޔިތެއްކަމަށްވާ އުމުރުން 38 އަހަރުގެ ޗެންގް ޖިއާ ކަމަށެވެ.

ޗެންގް ޖިއާ ކަނޑަށް ވެއްޓިފައިވަނީ އިއްޔެ މެންދުރު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައިކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ މީހާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެވަގުތު އެމީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އޭނާ ހޯދުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އެގޮތުން އެސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތުދީ އެމީހާ ހޯދުމުގެ މަސައްކަތްކޮށް، ކޯސްޓްގާޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޯސްޓްގާޑުން އެމީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ އިއްޔެ މެންދުރުފަހު 1:32 އެހައިކަންހާއިރު ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.