ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން އިމާރާތްކޮށްފައިވާ 4000 ފްލެޓްގެ ޑައުންޕޭމަންޓާ ގުޅިގެން ރައްޔިތުން ފާޅުކުރެއްވި ހިޔާލުފުޅުތަކަށް ރިއާޔަތްކުރައްވައި، އެ ކަންބޮޑުވުންތަކަށް ގެނެސްދެއްވެން އޮތް އެންމެ ރަނގަޅު ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ރައީސް މި ޔަގީންކަން ދެއްވާފައިވަނީ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ އިމާދުއްދީން ސްކޫލުގައި ކުރިއަށްގެންދެވި މަޝްވަރާބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރޭގެ މަޝްވަރާ ބައްދަލުކުރެއްވުމުގައިވެސް އެންމެ ގިނަ ބަޔަކު ހިއްސާކުރީ ބޯހިޔާވަހިކަމާ ގުޅިފައިވާ ކަންބޮޑުވުންތަކެވެ. އެ ކަމަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވީ ކޮންމެ ރައްޔިތެއްގެ ހިޔާލާއި ފާޅުކުރެއްވި ޝުއޫރަކީ މުހިންމު ކަމެއް ކަމަށާއި މިއިން ކޮންމެ ކަމެއްވެސް ސީރިއަސްކަމާއެކު ބައްލަވާނެ ކަމަށެވެ.

އެގޮތުން 4000 ހައުސިން ޔުނިޓްގެ ޑައުންޕޭމަންޓާއި އެއަށްފަހު މަހުން މަހަށް ދައްކަން ޖެހޭ ކުއްޔާ ގުޅިގެން ފާޅުކުރި ކަންބޮޑުވުންތައް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރައްވައިގެން އެ ކަންބޮޑުވުންތަކަށް ރަނގަޅު ހައްލެއް ގެނެސްދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ. އަދި ގުޅިފަޅުން ގޯތިކަނޑައިދިނުމުގެ ދުވެލި ހަލުވި ކުރައްވައި، މާ ގިނަ ދުވަސްތަކެއް ނުވެ އެ ގޯތިތައް ހައްގުވެރިންނާ ހަވާލުކުރެވޭނެކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅާ އެއްގޮތަށް، މީގެ ކުރިން ހަވާސާ ކުރެވިފައިވާ ގިންތިއަށްވެސް ބޯހިޔާވަހިކަން ހަމަޖެހިގެންދާނެ ކަމުގައެވެ. އެގޮތުން މައިމުޅަވެފައިވާ ފަރާތްތަކަށް ހާއްސަ ކެޓަގަރީއެއް، އެމަނިކުފާނުގެ ސަރުކާރުން ހިންގަވާ ފުރަތަމަ މަޝްރޫއުގައިވެސް ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމަށް ކޮންމެ އެހީއެއް ފޯރުކޮށްދެއްވުމަށްވެސް އެމަނިކުފާނުގެ ސަރުކާރު އޮތީ ތައްޔާރަށް ކަމުގައި ރައީސް ވިދާޅުވިއެވެ. އަދި މީގެ ކުރިން މައާފުކޮށްދެއްވާފައިވާ ކުލީގެ ފައިސާ ހިމެނޭހެން ބިލުކުރެވެމުންދާކަމުގެ ޝަކުވާ ރައްޔިތުން އުފުލިއިރު، އެކަން އެހެން ކުރެވިގެން ނުވާނެކަމަށް ވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.