ފުލުހުންގެ އަސާސީ ތަމްރީނު ކޯހަކުން ފުރަތަމަ ފަހަރަށް އެންމެ މޮޅު ދަރިވަރުގެ މަގާމު އަންހެން ފުލުހަކު ތާރީހީ ކާމިޔާބެއް ހޯދައިފިއެވެ.

ފުލުހުންގެ 41 ވަނަ ބެޗުގެ ކޯހުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނީ ގއ.ގެމަނަފުށި އުމުރުން 22 އަހަރުގެ އިމްޝާ ޢަބްދުއްލަތީފްއެވެ.

ރޭ އޮތް ރަސްމިއްޔާތުގައި އިމްޝާއަށް އިނާމުތައް ހަވާލުކޮށްދެއްވީ، ހޯމް މިނިސްޓަރު އަލީ އިހުސާނާ، ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީނެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރު އަލީ އިހްސާންވަނީ އިމްޝާގެ އާއިލާއަށާ، ރަށަށް ޝުކުރު އަދާކޮށް، އޭނާއަށް މަރުހަބާ ވިދާޅުވެފައެވެ. އަދި އިމްޝާ ހޯދި ކާމިޔާބީއަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ތާރީހުން ޖާގަ ހޯދައި، ތަމްރީނުގެ ތާރީހު ބަދަލުކޮށްލި ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ވަނީ ސިފަކުރައްވާފައެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ޕޮލިސް ކޮމިޝަނަރު އިސްމާއިލް ނަވީން ވިދާޅުވީ މި ފަހަރު ބެސްޓް އޯލްރައުންޑުގެ ޝަރަފު ފުރަތަމަ ފަހަރަށް އަންހެން ފުލުހަކު ހޯދުމަކީ ކާމިޔާބީއެއް ކަމަށެވެ. އަދި ކޯހުގެ އެކި ވަނަތައް ލިބުނު މީހުންގެ ތެރޭގައި ފަސް އަންހެން ފުލުހަކު ހިމެނުނުކަން ނަވީން ވަނީ ފާހަގަކުރައްވާފައެވެ.

ފުލުހުންގެ ތަމްރީނުގެ ކޮންމެ ބެޗެއްގައިވެސް އެންމެ މޮޅު ދަރިވަރު ނުވަތަ ބެސްޓް އޯލްރައުންޑް ހޮވާއިރު މިހާތަނަށް ހިންގި 40 ބެޗުގައިވެސް އެންމެ މޮޅު ދަރިވަރުންގެ ގޮތުގައި ހޮވިފައިވަނީ ފިރިހެން އޮފިސަރުންނެވެ. ފުލުހުންގެ 41 ވަނަ ބެޗުގައި 185 ފުލުހުން ތަމްރީނުވިއިރު، އިމްޝާގެ އިތުރުން އެންމެ ފާހަގަކުރެވޭ ފަސް ވަނަ ވެސް ހޯދީ އަންހެން ފުލުހުންނެވެ. އެގޮތުން މި ވަނަތައް ހާސިލްކޮށްފައިވަނީ އާމިނަތު ސަމްރާ، މަރިޔަމް ލާޝާ އާދަމް، މަރިޔަމް ލޫލުއާ މުހައްމަދު އަދި އަލްޔާ އަހުމަދެވެ.