އަންނަ ބުދަ ދުވަހުގެ ރޭރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދިވެހި ވިޔަފާރިވެރިންނާއި ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މިއީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި، ހިޔާލާއި މަޝްވަރާ ހޯދުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށެވެ. އަދި މިއީ ރައްޔިތުން ކަންބޮޑުވާ ކަންކަން ހިއްސާކޮށް، ބޭނުންވާ ކަންކަން ސީދާ އަޑުއެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތަކުގެ ތެރެއިން ކުރިއަށް ގެންދަވާ ބައްދަލުކުރެއްވުމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ، މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.
މި ހަފްތާގެ ބުދަ ދުވަހުގެ ރޭ ދިވެހި ވިޔަފާރިވެރިންނާ ބައްދަލުކުރެއްވުމަށް ނިންމަވާފައިވާ އިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި މަސްވެރިންނާ ވެސް ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން އަންގާރަ ދުވަހުގެ ރޭ މާލޭގެ ގަލޮޅު އަވަށު ރައްޔިތުންނާ ވެސް ބައްދަލު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ބައްދަލުކުރެއްވުން އޮންނާނީ، އަންގާރަ ދުވަހުގެ ރޭ 8:30 ގައި އިމާދުއްދީން ސްކޫލްގައެވެ.
ރައީސް މުއިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުނު އިރު އެ މަނިކުފާނު ވަނީ ރިޔާސީ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުންތަކުގައި ރަށްރަށަށް ބޭނުންވާ ތަރައްގީގެ މަޝްރޫއުތަކާއި ގުޅޭ ގޮތުން މަޝްވަރަކުރައްވާފައިވާއިރު، ރަށްރަށުގެ ރައްޔިތުންނަށް ދަތިވާ ކަންތައްތައް ވަޒީރުންގެ މަޖިލީހަށް ހުށަހަޅައިގެން ހައްލުކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ.
