ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ނުކުޅެދުންތެރިކަން ހުރި 30 މީހަކަށް ވަޒީފާގެ ފުރުސަތު ހަމަޖައްސައި ދީފައިވާ ކަަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ސްޓެލްކޯ އިން ވަޒީފާގެ ފުރުސަތު ހަމަޖައްސައި ދިން 30 މުވައްޒަފުންނަށް ވަޒީފާގެ ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދެވެ. އެކަމަނާގެ އިތުރުން މި ރަސްމިއްޔާތުގައި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު، ޑރ. އާއިޝަތު ޝިހާމް އާއި ސްޓެލްކޯގެ އިސް ވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިވުމަކީ މުވައްޒަފުގެ އާއިލާ އާއި ގައުމަށް އެކަމުގައި އެތައް ގޮތަކުން ފައިދާ އާއި މަންފާ ހުރި ކަމެއް ކަމަށެވެ. އެ ކަމަނާގެ ވާހަކަފުޅުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް، ވަޒީފާގެ މާހައުލަށް ނެރުމަކީ ސިއްހީ ގޮތުންނާއި، ދިރިއުޅުމުގެ އާދަތަކާއި މާލީގޮތުން ފުދުންތެރިކަން އިތުރުވެގެން އަންނާނެ ކަމެއް ކަމަށް ފާހަގަ ކުރެއްވިއެވެ. އެގޮތުން ވާޒީފާގެ މާހައުލުގައި އައު ރައްޓެހިން ލިބުމަކީ ނަފްސާނީގޮތުން ލިބޭ ހިތްހަމަޖެހުމެއް ކަމަށާއި މީހުންގެ ތައުރީފާއި ހެޔޮބަސްތަކުގެ ސަބަބުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އިތުރުވެގެންދާނެ ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ އެމްޑީ އަހްމަދު ޝަމާހް ރަޝީދު ވިދާޅުވީ، ސްޓެލްކޯއަކީ މިފަދަ ކަންކަމުގައި އަބަދުވެސް އިސްނަގައިގެން މަސައްކަތްކުރާ ކުންފުންޏެއް ކަމަށެވެ. މިހާރުވެސް، ތަފާތު އެކި ކަހަލަ ނުކުޅެދުންތެރިކަން ހުންނަ 50 އަށްވުރެ ގިނަ މުވައްޒަފުން މި ކުންފުނީގައި ދަނީ މަސައްކަތް ކުރަމުން ކަމަށާއި މި ފަރާތްތައް ހަވާސާ ނުކޮށް، މުޖުތަމައުގެ މުހިންމު ބައެއްގެ ގޮތުގައި ފެންނަމުންދާ ކަމީ، އުފާކުރާ ކަމެއް ކަމަސް ޝަމާހް ވިދާޅުވިއެވެ.

ޝަމާހް އިތުރަށް ވިދާޅުވީ، މިއަދު ވަޒީފާ ހަވާލުކުރެވުނު މުވައްޒަފުންގެ ފަރާތުން މުޖުތަމައުއަށް ފައިދާތަކެއް ލިބި، އެފަރާތްތަކުގެ ގާބިލު ކަމާއި ހުނަރުތައް އިތުރަށް ތަރައްގީކޮށް، ގައުމީ ތަރައްގީގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިގެން ގޮސްފައިވާ ކަމަށެވެ. ވަޒީފާގެ މާހައުލަކީ އެ މުވައްޒަފުންގެ އަމިއްލަ އިތުބާރު އާލާކޮށް، މުޖުތަމައުގައި އެ މީހުންގެ ދައުރު ފުޅާކުރުމަށް ލިބިގެންދިޔަ މުހިއްމު މަންސައެއް ކަމަށެވެ.

ސްޓެލްކޯއާ އަލަށް ގުޅުނު 30 މުވައްޒަފުން ހޮވާލާފައި ވަނީ ސްޓެލްކޯއިން ޔޫޓިލިޓީ ހިދުމަތް ދެމުންދާ ރަށްތަކުގެ ތެރެއިން 21 ރަށެއް ހިމެނޭހެންނެވެ. މި 30 މުވައްޒަފުންނާއެކު ސްޓެލްކޯގައި މަސައްކަތް ކުރާ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ މުވައްޒަފުންގެ އަދަދު 80 އަށް އަރާފައިވާ އިރު އެ މުވައްޒަފުން ދަނީ ޓެކްނިކަލް އަދި ނޮންޓެކްނިކަލް ދާއިރާތަކުގައި ވެސް ހިދުމަތް ކުރަމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ.