މި ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށް ދިނުމަށް ހިއްކަމުންދާ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން މިހާތަނަށް 215 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއް ހިއްކާ ނިންމާލައިފިއެވެ.
ހައުސިން ޑިވެލޮޕްމަންތް ކޯޕަރޭޝަން (އެޗްޑީސީ) އިން ވބުނީ، ރަސްމާލެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު 2 ޑްރެޖަރާއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށެވެ. އެގޮތުން މިހާތަނަށް 215 ހެކްޓަރަށް ވުރެ ބޮޑު ސަރަހައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
ރަސްމާލެ ހިއްކުން 3 ގުނަ އަވަސްކުރަން ދުނިޔޭގެ އެންމެ ބޮޑު އެއް ހޮޕާ ޑްރޭޖަރު ބޭނުންކޮށްގެން ހިއްކުމުގެ މަސައްކަތް މިމަހުގެ ފުރަތަމަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން 1009 ހެކްޓަރު ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. 12 ސަރަޙައްދަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ބިން ހިއްކުމުގެ މަސައްކަތް 3 ފަރާތަކުން ދަނީ ކުރަމުންނެވެ.
ސްރީލަންކާގެ ކެޕިޓަލް މެރިންއެންޑް ސިވިލް ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައިވާ 29 ހެކްޓަރުގެ މަސައްކަތް ވަނީ ނިމިފައެވެ. އަދި މިވަގުތު މޯހަން މުތާއާއި ހަވާލުކޮށްފައިވާ 394 ހެކްޓަރުގެ ތެރެއިން 100.6 ހެކްޓަރުވަނީ ހިއްކާ ނިންމާލާފައެވެ. މީގެ އިތުރުން ޗައިނާ ހާބާ އިންޖިނިއަރިންއާ ހަވާލުކޮށްފައިވާ 265 ހެކްޓަރުގެ ތެރެއިން މިހާރުވަނީ 53.25 ހެކްޓަރުގެ ބިން ހިއްކާފައެވެ.
ބޯ ހިޔާވަހިކަމަށް ހައްލު ހޯދައި ދިނުމުގެ ސިޔާސަތުގައި މި ސަރުކާރުން ވަނީ ރަސްމާލެއިން ފުރަތަމަ ބުރުގައި 15000 ދެން ނިންމާފައެވެ. މުޅި ރަސްމާލެއިން 25،000 ގޯތި ދޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ އިރު، މޮޑާން އިކޯ ސިޓީއެއް ގޮތަށް ތަރައްގީ ކުރަން ޕްލޭންކޮށްފައިވާ ރަސްމާލެ އަންނަ މާޗް ނުވަތަ އޭޕްރީލް ހިސާބުގައި ހިއްކައި ނިމޭނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
