ލޭންޑް ޔޫސް ޕްލޭނާ ހިލާފަށްހޯރަފުށީގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށް ދީފައިވުމާ އަދި އިތުރު އެހެން މައްސަލަތަކާއި ގުޅިގެން ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު މިއަދު ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފިއެވެ.
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)އަށް ހުށަހަޅައިފައިވާ މައްސަލަތަކެއް ބަލުމަށް ފަހު ކައުންސިލުގެ ރައީސް މުސާރަ ނުލިބޭ ގޮތަށް ތިން މަސް ދުވަހަށް ސަސްޕެންޑުކޮށް، އިތުރު ކައުންސިލަރުންނަށް ނަސޭހަތް ދިނުމަށް ވަނީ ނިންމާފައެވެ. އެލްޖީއޭއިން ބުނީ ވަހީދު ސަސްޕެންޑުކުރަން ނިންމީ މައްސަލައިގެ ކުޑަބޮޑު މިނަށް ބަލުމަށް ފަހު ކަމަށާއި އެ ގޮތަށް ނިންމާފައި ވަނީ، އެލްޖީއޭ އަށް ހުށަހަޅާފައިވާ ޝަކުވާތަކާ އެކު، 8 މައްސަލައެއްގެ އިންކުއަރީއަކަށް ފަހުގައި ކަމަށެވެ.
އިންކުއަރީގައި އެލްޖީއޭއިން ބެލި މައްސަލަތަކަކީ ލޭންޑް ޔޫސް ޕްލޭނާ ޙީލާފަށް އެ ކައުންސިލުން ހޯރަފުށީގެ ގޯތިތަކާ އިންވެގެން އޮންނަ ހުސްބިންތައް، އެ ގޯތިތަކަށް އިތުރުކޮށްދިން މައްސަލައިގެ އިތުރުން 1446 ވަނަ އަހަރު އަޟްހާ އީދު ކުޅިވަރާ، ސްޓޭޖު ލައިޓާ، ސްޓޭޖުގެ ކަންކަން ކުރުމަށް މާލިއްޔަތު ގަވައިދާ ހިފަށް ކައުންސިލުން ހަރަދުކޮށްފައިވުމެވެ. އަދި ކައުންސިލުގެ ޕްރޮކިއުމަންޓް ކަންތަކުގައި އުޅޭ މުވައްޒަފުން ބިޑު ކޮމިޓީގައި ތިބޭ ކަމަށް ބުނެ، އެލްޖީއޭއަށް ހުށަހަޅާފައިވާ މައްސަލައިގެ އިތުރުން މައުލޫމާތު ހޯދައި، ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދުމަށް އެދޭ މައޫލޫމާތު ހޯރަފުށީ ކައުންސިލުން ފޯރުކޮށްނުދޭ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ.
މީގެ އިތުރުން މި އަހަރު ތިލައުތުރު އަންހެނުންގެ ވޮލީ މުބާރާތް ބޭއްވުމުގައި މާލިއްޔަތު ގަވައިދާ ހިލާފަށް ހޯރަފުށީ ކައުންސިލުން ހަރަދުކޮށްފައިވާ މައްސަލައިގެ އިތުރުން މާލިއްޔަތު ގަވައިދާ ހިލާފަށް 2023ގައި، ހޯރަފުށީ ކައުންސިލުން އެ ރަށު ބަނދަރު ސަރަހައްދުގައި އިންދަން ކަދުރު ރުށްތަކެއް ގަނެފައިވާ މައްސަލަވެސް ވަނީ ބަލާފައެވެ. އަދި 1446 ވަނަ އަހަރު އަޟްހާ އީދަށް ރަށުތެރެ ދިއްލުމަށް ބޭނުންވާ ލައިޓު ގަތުމަށް ސްޕްލިޓުކޮށްގެން ނުވަތަ ބައިބަޔަށް ބަހައިގެން ގިނަ އަދަދެއްގެ ފައިސާތަކެއް މާލިއްޔަތު ގާނޫނާ ހިލާފަށް ދޫކޮށް، އެތަކެތި ކައުންސިލަށް ލިބިފައިނުވާ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ.
އެލްޖީއޭ އިން ބުނީ އިންކުއަރީއަށް ފަހު ވަހީދު ސަސްޕެންޑުކުރީ، ގާނޫނާ ގަވައިދުތަކާ އެއްގޮތަށް ކައުންސިލް ހިންގުމާ، އެ ކަން ހިނގާކަން ކަށަވަރުކުރުމުގެ އެންމެ އިސް ޒިންމާ މަތިކޮށްފައިވަނީ އޭނާއަށް ކަމަށްވުމާއެކި އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފުވެފައިވާކަން ފާހަގަކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ވަކިވަކި މައްސަލަތަކާ ގުޅިގެން ދީފައިވާ ލަފައަށް އަމަލުކުރުމަށާ ކައުންސިލް އިދާރާގެ ސެކްރެޓަރީ ޖެނެރަލާ، އިދާރީ އެހެން މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެ ކަންކަމަށް ޒިންމާވާ މުވައްޒަފަށް ފިޔަވަޅު އެޅުމަށް އެ މައްސަލައަކާ ގުޅުންހުރި، ދައުލަތުގެ އިދާރާތަކަށް ހުށަހެޅުމަށް ވެސް އެލްޖީއޭއިން ވަނީ ނިންމާފައެވެ.
