ނޫސްވެރިކަމާ ގުޅުންހުރި ޕްރޮގްރާމުތަކާއި ކޯސްތަކުގައި ބައިވެރިވުމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އެދިވަޑައިގެންފިއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީއާއި ޔޫތު މިނިސްޓްރީއާ ދެމެދު އިސްތިރާޖީ ފަހުމުނާމާއެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ގާތްގަނޑަކަށް 90 ޕަސެންޓް ނޫސްވެރިންނަކީ ނޫސްވެރިކަމުގެ ދާއިރާއަށް އޮންނަ ޝައުގުވެރިކަމުގެ ސަބަބުން ސްކޫލް ނިންމާ ގޮތަށް ދާއިރާއަށް ވަދެ، އެ ކަމުގެ ތެރެއިން ދަސްވާ އެއްޗެއްގެ ތެރެއިން ބޮޑުވަމުން އަންނަ ކުދިން ކަމަށެވެ. އެއީ މުޅިއަކުން ގޯސް ގޮތެއް ނޫންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެހެންނަމަވެސް މިދާއިރާއިން ޕްރޮގްރާމްތަކާއި ކޯސްތައް ފުރިހަމަ ކުރުމަށް މިނިސްޓަރު ވަނީ އިލްތިމާސްކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ މިފަދަ ޕްރޮގްރާމުތަކުންނާއި ކޯސްތަކުން ދަސްވާ އެއްޗެހި ތަފާތުވާނެ ކަމަވެވެ. އަދި ދާއިރާއާ ގުޅޭ މައުލޫމާތު އެނގޭ މިންވަރު ތަފާތުވާނެ ކަމަށް މިިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިއަދު އެމްއެންޔޫގެ ފެކަލްޓީ އޮފް އާޓްސްއާއެކު އެއްބަސްވެވުނު ކަންތައްތަކުގެ ތެރެއިން ފަސް ޕްރޮގްރާމެއް ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އެމްއެންޔޫގެ ވައިސް ޗާންސެލާ ޑރ. އާއިޝަތު ޝެހެނާޒު އާދަމްއާ ހަވާލާދެއްވާ، މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު ނޫސްވެރިކަމުގެ މާސްޓަސް ޕްރޮގްރާމެއް ފެށުމުގެ މަސައްކަތްތައް ކުރެވޭނެ ކަމަށެވެ.

މިނިސްޓަރު ވަނީ މީޑިއާގައި ހަރަކާތްތެރިވާ ހުރިހާ ބޭފުޅުން ކުރު ކޯސްތަކާއި ސެޓްފިކެޓް ލެވެލްގެ ކޯސްތަކުގެ އިތުރުން ޑިގްރީ، މާސްޓާސް އަދި ފައުންޑޭޝަން ކޯސްތަކުގައި ބައިވެރިވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ސަރުކާރުގެ ފަރާތުން ކޯސް ފީއަށް ބޭނުންވާ އެހީތެރިކަން ދިނުމާއި ކޯސްތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދިނުން ވެސް ހިމެނޭ ގޮތަށް، މިކަމުގައި ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.