މަސްތުގެ ހާލަތުގައިހުރެ، މަންމައަކު ފިރިހެން ދަރިފުޅަށް ޖިންސީ އަނިޔާ ދިން ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މާލެ ސަރަހައްދުގައި ކުޑަ ފިރިހެން ކުއްޖަކަށް، އެކުއްޖާގެ މަންމަގެ ފަރާތުން ޖިސްމާނީ އަނިޔާ ދިނުމުމުގެ އިތުރުން މަސްތުވުމަށް ބަނގުރާ ބޭނުންކޮށްގެން ހުރެ އެކުއްޖާއަށް ޖިންސީ އަނިޔާ ދީފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މި އަހަރު އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުންނަށް ހުށަަހަޅާފައިވާކަމަށެވެ.
ޖެންޑާ މިނިސްޓްރީއިން އެ މުވައްސަސާއަށް ހުށަހެޅި މައްސަލައާއި ގުޅިގެން މި މަހުގެ 10 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން 50 އަހަރުގެ މަންމަ ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
