ނިޝާން މުލީގެ ޝަރަފުގެ އިއްޒަތް އައްޑޫ ހުޅުދު އަށް އުފަން މުހައްމަދު ސޯލިހު (ދަމާސް ސޯލިހު)އަށް އަރުވައިފިއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި މިހާރު ކުރިއަށް ގެންދާ ރަސްމީ ޖަލްސާގައި ސޯލިހަށް މި އިއްޒަތް އެރުވީ ރައީސް މުހައްމަދު މުއިއްޒެވެ.
މިއީ ރާއްޖޭގައި ވިޔަފާރި ކުރިއަރުވައި ތަފާތު ވިޔަފާރީގެ ހިދުމަތްތައް ތައާރަފުކުރައްވާފައިވާތީ އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސޯލިހަށް އެރުވި އިއްޒަތެކެވެ. އަދި ހަމަ އެހެންމެ ރާއްޖޭގައި ވިޔަފާރި ތަރައްގީ ކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަން ފުޅާކޮށް، އެކި ރޮނގުރޮނގުން ހިދުމަތްކުރައްވައި އަދިވެސް އެ ހިދުމަތުގައި ދެމިހުންނެވި ބޭފުޅަކަށް ވުމުންނެވެ.
ސޯލިހު، ވިޔަފާރީގެ މަސައްކަތަށް އެންމެ ފުރަތަމަ ނުކުންނެވީ 1978 ވަނަ އަހަރު އެވެ.އޭރު ރަހުމަތްތެރިންނާ އެކު ފެއްޓެވި މަސައްކަތުގައި އެންމެ ފުޅާ ދާއިރާއެއްގައި ކުރެއްވީ ކާގޯ ކްލެޔަރެންސްގެ މަސައްކަތް ނަމަވެސް ފަހުން އޭނާ ވަނީ ކޮންސްޓްރަކްޝަންގެ މަސައްކަތް ވެސް ކުރައްވާފައެވެ.
ވިޔަފާރި އާއި އިގްތިސޯދީ ދާއިރާ އިން 2022 ވަނަ އަހަރު ސޯލިހަށް ވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފަ އެވެ. ސޯލިހު ވަނީ ހިލޭ ސާބަހަށް ވެސް އިޖުތިމާއީ ގޮތުން މުޖުތަމައު އަށް ހިދުމަތްތަކެއް ކުރައްވައިފަ އެވެ.
އޭގެތެރޭގައި މިސްކިތް ބިނާ ކުރެއްވުމަކީ ސޯލިހު ކުރެއްވި ފާހަގަ ކޮށްލެވޭ މަސައްކަތެކެވެ.
ދަމާސް ކުންފުނިން މިހާރު ހިންގާ ވިޔަފާރިތަކުގެ ތެރޭގައި ހަތަރު ރިސޯޓާއި މާލޭގެ ތިން ސިޓީ ހޮޓަލެއްގެ އިތުރުން މެޑިކާ ހޮސްޕިޓަލް ހިމެނެއެވެ. މީގެ އިތުރުން ވެސް ސޯލިހު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގައި ވަރަށް އިސް ދައުރެއް އަދާކުރައްވައިފައެވެ.
