ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ގްރޫޕް ކޯޕަރޭޝަން ލިމިޓެޑް (ސީއެމްއީސީ)ގެ ފަރާތުން ދިވެހި ސަރުކާރަށް ފެން ހިންދާ ޕަމްޕް ހަދިޔާކުރައްވައިފިއެވެ.
މި ތަކެތި ރަސްމީކޮށް ހަވާލުކުރެއްވުމަށް ހުޅުމާލޭ ސެންޓަރަލް ޕާކްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މި ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ މިނިސްޓަރު އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބެވެ. ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ގްރޫޕް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން މި ފެންޕަންޕްތައް ހަވާލުކޮށްދެއްވީ، އެ ކުންފުނީގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރު ލިއު ޝިޔައޮޑާއެވެ.
މިތަކެއްޗާއި ދިވެހި ސަރުކާރުގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ މިނިސްޓަރ އޮފް ޑިފެންސް މުހައްމަދު ޣައްސާން މައުމޫނެވެ.
ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ފަރާތުން މިއަދު ވަނީ ޖުމުލަ ހަ ފެންހިންދާ ޕަމްޕް ހަވާލުކޮށްފައެވެ. މިތަކެތި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުގައި ކަމަށް މިނިސްޓާ އޮފް ކޮންސްޓްރަކްޝަން، ހައުސިންގް އެންޑް އިންފްރާސްޓްރަކްޗާ އިން މައުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަދި ޗައިނާ މެޝިނަރީ އިންޖިނިއަރިންގް ގްރޫޕް ކޯޕަރޭޝަން ލިމިޓެޑްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
