އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ގެނައުމަށް ނަގާ ފެންނަ ނުފެންނަ ވޯޓުލުން ނިމި، ވޯޓު ގުނުމުގެ މަސައްކަތް ފަށައިފިއެވެ.

އައްޑޫ ސިޓީގެ 3 ރަށެއްގައި ވަކި ކައުންސިލްތަކެއް އުފެއްދުމަށް ރައްޔިތުންނަނަށް ފެންނަ ގޮތުގެ ހިޔާލު ހޯދުމަށް ނަގާ ވޯޓުލުން މިއަދު ހެނދުނު 8 ކުން ހަވީރު 4 އަށް ކުރިއަށް ގެންގޮސްފައިވާއިރު ވޯޓު ގުނަން ފަށާފައިވަނީ 4:30 ގައެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ ހުރިހާ ވޯޓުފޮއްޓެއް ބަންދުކޮށް، ގުނުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަަމަށެވެ. އަދި އެ ކޮމިޝަނުން މަސައްކަތް ކުރަމުންދަނީ ގުނުމުގެ މަސައްކަތް ނިންމާ، މިރޭ 21:00 ގައި ވަގުތީ ނަތީޖާ އިއުލާންކުރުމަށް ކަމަށެވެ.

މި ވޯޓުގައި ޖުމްލަ 9576 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ފޭދޫ، ހުޅުދޫ، މީދޫ އަދި މާލޭގައި ޖުމުލަ 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެހެންނަމަވެސް އެހެން އިންތިހާބު ތަކާއި އަޅާ ބަލާއިރު މި ވޯޓުގެ ތަރުހީބު ކުޑަކަން ފާހަގަކޮށްލެވެއެވެ. އަދި ވޯޓުލުމުގެ ހައްގު ލިބިފައިވާ ދެބައި ކުޅަ އެއްބައަށް ވުރެ ގިނަ މީހުން އިންތިހާބުގައި ވޯޓުލާފައެއް ނުވެއެވެ.