"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގް ކޮމިޝަން"ގެ ވަގުތީ ކޮމިޓީ މިއަދު އެކުލަވާލައިފިއެވެ.

މީޑިއާ ރެގިއުލޭޓް ކުރުމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ރައީސް ތަސްދީގު ކުރައްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

އެ ބިލު ރައީސް ތަސްދީގުކުރެއްވުމާއެކު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ގާނޫނަކަށްވެ، އެ ގާނޫނަށް ވަނީ އަމަލުކުރަން ފަށައިފައެވެ. ގާނޫނުގައިވާ ގޮތުގެ މަތީން މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އެކުލަވާލައި، މެންބަރުން ކޮމިޝަން ހިންގުމާ ހަވާލުވަންދެން، ކޮމިޝަނުގެ ކަންކަން ވަގުތީ ގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުންނެވެ.

އަދި އެ މެންބަރުން ވާން ޖެހެނީ ސިވިލް ސާވިސް ހިމެނޭ ދާއިރާތަކުގެ އޮފީސްތަކުގައި މަސައްކަތް ކުރައްވާ ޑިރެކްޓަ ޖެނެރަލުން ފެށިގެން މަތީ މަގާމުތަކުގެ ބޭފުޅުން ކަމަށް ވެސް ގާނޫނުގައިވެއެވެ. އެގޮތުގެ މަތިން ސިވިލް ސާވިސް ކޮމިޝަނުން މިއަދު އެކުލަވާލި ކޮމިޓީގައި ތިއްބަވާ މެންބަރުންނަކީ:

  1. ސްޕޯޓްސް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަލީ ޒަކީ
  2. ލޯކަލް ގަވަރުމަންޓް މިނިސްޓްރީގެ ޑިރެކްޓަ ޖެނެރަލް އަހުމަދު މައުސޫމް
  3. އިސްލާމިކް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާމިނަތު ނަސީރު
  4. އިކޮނޮމިކް މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އާމިނަތު ޝާހިދާ
  5. ގައުމީ އަރުޝީފުގެ ޗީފް ކޯޕަރޭޓް އެގްޒެކެޓިވް އިމާދު މުހައްމަދު

މި ވަގުތީ ކޮމިޓީގެ ރައީސާއި ނައިބު ރައީސް ކަނޑައަޅާނީ އެ ފަސް މެމްބަރުންގެ ތެރޭގައި ނަގާ ސިއްރު ވޯޓަކުން ކަމަށް ގާނޫނުގައި ވަނީ ބުނެފައެވެ.

ވަގުތީ ކޮމިޓީ އަށް ކުރެވޭނެ މަސައްކަތްތަކުގެ ތެރޭގައި ކޮމިޝަންގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް ބަލައިގަތުމާއި، މީީޑިއާތައް ރަޖިސްޓަރީ ކޮށްދިނުމަށް ހުށަހަޅާ ހުށަހެޅުންތަަކަށް ގޮތް ނިންމޭނެއެވެ. ވަގުތީ ކޮމިޓީ އަށް ނުކުރެވޭނެ ކަންކަމުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާއި ކުރީގެ ބްރޯޑްކާސްޓިން ކޮމިޝަނުންނާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ކުރިން ބަލަން ފަށައި، ނުނިމިވާ މައްސަަލަތައް ބަލައި ގޮތް ނިންމުމާއި ފިޔަވަޅު އެޅުމުގެ އިތުރުން މީޑިއާތަކުގެ ރަޖިސްޓަރީ ބާތިލްކުރުން ހިމެނެއެވެ.

މިހާރު ގާނޫނަށް އަމަލު ކުރަން ފެށުމާއެކު ނޫސް މަޖައްލާ ފަދަ ތަކެތީގެ ގާނޫނު އަދި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ "މޯލްޑިވްސް މީޑިއާ ކައުންސިލު" ވަނީ އުވިފައެވެ. އަދި ހަމަ އެހެންމަ ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދައިފައިވާ "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" ވެސް މި ގާނޫނަށް އަމަލުކުރަން ފެށުމާއެކު ވަނީ އުވިފައެވެ.