މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)އިން ދޫކުރާ ލިޔުންތަކުގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު އެ އޮތޯރިޓީން ޖަހައިދިނުމަށް، ކަމާ ގުޅޭ އުސޫލެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

ރާއްޖޭގައި މަތީ ތައުލީމު ހާސިލު ކުރި ކަމަށް ބުނެ ފޭކް ސެޓްފިކެޓް ހުށަހެޅުން އާންމުވެފައިވާ މި ދަނޑިވަޅުގައި އެމްކިއުއޭއިން ވަނީ އޮތޯރިޓީން ދޫކޮށްފައިވާ ލިޔުންތަކުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖެހޭނީ ހަމައެކަނި އެ އޮތޯރިޓީއަށް ކަމަށް ބަޔާންކޮށް އުސޫލެއް ނެރެފައެވެ.

މިފަދަ އުސޫލެއް ނެރުމުގެ މައިގަނޑު މަގްސަދަކީ އެ އޮޓޯރިޓީން ދޫކޮށްފައިވާ ރަސްމީ ލިޔުންތަކުގެ ކޮޕީ އެހެން ފަރާތްތަކަށް ހުށަހެޅުމުގައި އެ ލިޔުންތަކުގެ ސައްހަކަން ފަސޭހަކޮށް، ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން ކަމަށް ވެއެވެ. އެގޮތުގެ މަތިން އެމްކިއުއޭއިން އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިދޭނީ:

  • ވެލިޑޭޓްކޮށްދޭ ސަނަދުތަކުގެ ކޮޕީ
  • އެސެސްމެންޓް ރިޕޯޓުތަކުގެ ކޮޕީ
  • ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމްގެ ލިޔުމުގެ ކޮޕީ
  • ރާއްޖެއިން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށްފަހު ދޫކުރާ ލިޔުމުގެ ކޮޕީ

އެމްކިއުއޭއިން ދޫކުރާ ލިޔެކިޔުމުގައި އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހަައިދިނުމަށް ފީއެއް ނަގައެވެ. އެގޮތުން، ވެލިޑޭޓުކޮށްދޭ ސަނަދާއި އެސެސްމަންޓް ރިޕޯޓާއި އިންޓެންޑެޑް ލެޓާގެ ކޮޕީގެ ކޮންމެ ސަފުހާއަކަށް 10 ރުފިޔާގެ ފީއެއް ނަގާއިރު ރާއްޖޭން ބޭރުގެ ފަރާތްތަކުގެ ސަނަދުތައް ގަބޫލުކުރުމަށް ފަހު ދޫކުރާ ލިޔުމުގެ ކޮންމެ ސަފުހާއަކަށް ނަގާނީ 20 ރުފިޔާ އެވެ.

މީގެ އިތުރުން ވެސް އެމްކިއުއޭއިން ވަނީ ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ނިޒާމު އިތުރަށް ފުޅާ ކުރުމުގެ ގޮތުން،އެ އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމުތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމަށް ހުއްދަ ދޭ ގަވާއިދެއް އެކުލަވާލާ އެ ގަވާއިދު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށްފައެވެ.

މި ގަވައިދާއެކު، ރާއްޖެއިން ބޭރުގައި އެމްކިއުއޭއިން އެކްރެޑިޓްކޮށްފައިވާ ޕުރޮގްރާމެއް ހިންގަން ބޭނުންވާނަމަ އެ މަރުކަޒަކުން އެ ޕުރޮގްރާމެއް ހިނެގޭނީ އެމްކިއުއޭގެ ހުއްދަ ހޯދުމަށްފަހުއެވެ.