އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ބޭރުގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައެއްގައި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ) އިން އެ ކޮލެޖް ޖޫރިމަނާކޮށްފިއެވެ.
މިކަމާ ގުޅިގެން އެމްކިއުއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން، މިއަހަރުގެ ކުރީކޮޅު އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށެވެ. ނަމަވެސް، އޭގެ ފަހުންވެސް ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެ ކޮލެޖުން ސަނަދު ދީފައިވާކަން އެ އޮތޯރިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް އެމްކިއުއޭ އިން ބުނެއެވެ.
އެހެންކަމުން، މިކަން ތަކުރާރު ނުކުރުމަށް އެވިޑް ކޮލެޖަށް އަންގައި، އެ އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފައާއެކު ދެވަނަ ފިޔަވަޅެއްގެ ގޮތުން އެވިޑް ކޮލެޖް މިހާރު ޖޫރިމަނާކޮށްފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އެމްކިއުއޭ އިން ފާހަގަކުރި ގޮތުގައި، އެ އޮތޯރިޓީގެ ޕްރޮގްރާމް އެކްރެޑިޓޭޝަން ގަވާއިދާއި، އެކްރެޑިޓޭޝަން ދީފައިވާ ޕްރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމާބެހޭ ގަވާއިދާ ހިލާފަށް ޕްރޮގްރާމް ކުރިއަށް ގެންދިއުމަކީ މަނާކަމެކެވެ. އަދި ފަދަ އަމަލުތަކުގެ ސަބަބުން ރާއްޖޭގެ މަތީ ތައުލީމީ ދާއިރާގެ ފެންވަރާމެދު ބައިނަލްއަޤުވާމީ މަސްރަހުގައި އޮންނަ އިތުބާރު ކުޑަވެ، ރާއްޖޭގެ މަރުކަޒުތަކުން ދޫކުރާ ސަނަދުތަކުގެ ސައްހަކަމާމެދު ސުވާލު އުފެދުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން އެމްކިއުއޭ އިން ވަނީ އެއްވެސް ޕްރޮގްރާމެއްގައި ބައިވެރިވުމުގެ ކުރިން ނުވަތަ ހިންގުމުގެ ކުރިން، އެއީ އެ އޮތޯރިޓީން ހުއްދަދީފައިވާ ޕްރޮގްރާމެއްކަން ވެބްސައިޓް މެދުވެރިކޮށް ކަށަވަރުކުރުމަށް އާންމުންނަށާއި ތައުލީމީ މަރުކަޒުތަކަށް އިލްތިމާސްކޮށްފައެވެ.
އެމްކިއުއޭގެ އެކްރެޑިޓޭޝަނާ ހިލާފަށް ކޯސްތަކެއް ހިންގަން އެވިޑް ކޮލެޖުން އިޝްތިހާރު ކުރި މައްސަލައެއް 2022 ވަނަ އަހަރުވެސް ފެންމަތިވެފައި ވެއެވެ. އެ މައްސަލައާއި ގުޅިގެން އޭރު އެ ކޮލެޖުން ބުނީ އެމްކިއުއޭއިން އެކްރެޑިޓް ނުކުރާ ކޯހެއް އެވިޑް ކޮލެޖުން ނުހިންގާ ކަމަށާއި އެ ފަދަ ކޯހެއްކަމަށް ބުނެ ދައްކާ ވާހަކައަކީ ކޯހުގެ އިޝްތިހާރު ހެދުމުގައި ލިޔެވުނު ކުށެއް ކަމަށެވެ.
