ކޮރަޕްޝަނާއި އާންމުންގެ މެދުގައި އޮންނަ ތަފާތު ކުރުންތަކާއެކު ސަރުކާރާ މެދު އޮންނަ ނަފުރަތު ކޮޅުންލައި، ސޯޝަލްމީޑިއާގެ އެޕްތައް މަނާކުރުމުން ޒުވާނުން މަގުތަކަށް ނިކުމެ އެތައް އޮޝިލަކަށް ހަމަލާދީ އެތައް އިމާރާތެއް ރޯކޮށް ހަދާފައި ވަނިކޮށް ކާފިއު އިއުލާނުކޮށް އާމީން މަގުތަކަށް ނިކުމެއްޖެއެވެ.

އާމީ ހެޑްކުއާޓަރުން އާންމު ކުރި ބަޔާނެއްގައި ވަނީ، ނޭޕާލް ގަޑިން ހަވީރު 5 ޖެހުމާ ހަމައަށް މިއަދުގެ ކާފިއު ދެމި އޮންނާނެ ކަމަށާއި މާދަމާވެސް ހެނދުނު 6 އިން އިރޮއޮއްސި 6 އަށް ކާފިއު ދަމަހައްޓާނެ ކަމަށެވެ. ކާފިއުގެ ވަގުތުތަކުގައާއި އަދި ކާފިއު ވީއްލާފައި އޮންނަ ވަގުތުތަކުގައި ބޭރަށް ނިކުމެ އުޅެވޭނީ ޒަރޫރީ ބޭނުމެއްގައި އެކަނި ކަމަށާއި އެނޫން ކަންކަމުގައި ނިކުމެ މުޒާހަރާކޮށް، މުދަލާއި ތަކެއްޗަށް ގެއްލުންދީ، އަދި ތަންތަން ލޫޓުވާ ހަދާނަމަ އެމީހަކާއި ނުވަތަ އެބަޔަކާ މެދު އަމަލު ކުރާނީ ހަރުކަށިކަމާއެކު ކަމަށެވެ.

އާމީން ބުނީ، އެމީހުންގެ އަމުރަށް ރައްޔިތުންނާއި ޒުވާނުން ކިޔަމަންވަމުން ދާ ކަމަށާއި ނަމަވެސް ފާއިތުވި ދެތިންދުވަހުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ބަޔަކު މަރުވެފައި ވާތީ އެކަމާ ހިތާމަ ކުރާ ކަމަށެވެ.

އިދާރާތަކުން ބުނީ، ހަމަނުޖެހުންތަކުގެ ތެރޭގައި ބައެއް ޒުވާނުން ތަންތަން ލޫޓުވައި ހަތިޔާރުވެސް އަތަށް ނަގާފައި ވާ ކަމަށާއި މުޒާހަރާކޮށް، މުދަލާއި ތަކެއްޗަށް ގެއްލުންދީ، އަދި ތަންތަން ލޫޓުވުމާއި އޭގެ އިތުރުން މީހުން ރޭޕް ކުރަން ވެސް މަސައްކަތް ކުރާތީ ސަމާލުވާން ޖެހޭ ކަމަށެވެ.

އިތުރަށް ބުނެފައި ވަނީ، މިފަދަ ކޮންމެ ކަމަކީ، ގާނޫނީގޮތުން ކުށްވެރިވާނެ ކަންކަން ކަމަށާއި މުޒާހަރާ ކުރުމުގެ ނަމުގައި އެފަދަ އެއްވެސް ކަމެއް ކުރާނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.

ކާފިއުގެ ވަގުތުގައި ހުއްދަ ދޭނީ އެމްބިއުލާންސް، ފަޔާ ލޮރީ އަދި ސިއްހީ ހިދުމަތްތެރިންނަށް އެކަނި ކަމަށްވެސް ބުނެފައި ވެއެވެ.

އާމީންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ފެތުރެމުންދާ ދޮގު ހަބަރާއި މައުލޫމާތުގައި އެއްވެސް މީހަކު ނުޖެހުމަށާއި، ސީދާ ހަބަރު އެ އިދާރާއިން ސާފުކުރަމުން ގެންދިޔުމަށެވެ.

ނޭޕާލުގައި ކާފިއު ހިންގާފައި ވާ މި ދަނޑިވަޅުގައި އިދާރާތަކުން ވަނީ، އެގައުމުގައި ހަރަކާތްތެރިވާ އަދި އެކިއެކި ބޭނުންތަކުގައި އެގައުމުގައި ތިތި ބޭރުގެ ފަރާތްތަކުން އެމީހަކާ އެންމެ ކައިރީގައި ހުރި ސަލާމަތީ ހިދުމަތް ފޯރުކޮށްދޭ އިދާރާއެއްގެ އެހީތެރިކަން ހޯދުމަށް އެދިފައެވެ.

އަދި ނޭޕާލުގައި ފަތުރުވެރިންނަށް ހިދުމަތްދޭ ތަންތަނުން، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށް ވެސް ގޮވާލާފައިވެއެވެ.

ނޭޕާލުގައި މިވަގުތު ދިވެހިންވެސް އެބަތިއްބެވެ. މިހާރު ބަންދުކޮށްފައި އޮތް ކަތުމަންޑޫގެ ވައިގެ ބަނދަރުގައި ހުރި ދިވެއްސަކު ސޯޝަލްމީޑިއާގައި ބުނެފައި ވަނީ، އޭނާ ހުރީ އިންޑިއާގެ ބަޔަކާއެކުގައި ކަމަށާއި އިންޑިއާގައި ހުންނަ ރާއްޖޭގެ އެމްބަސީއާ މުއާމަލާތު ކުރެވިފައި ވާ ކަމަށެވެ.

ނޭޕާލުގެ ހަމަނުޖެހުން ގޯހުން ގޯހަށް އެތައް ބަޔަކާއި މުދަލަށް ގެއްލުން ލިބިގެން ދިޔައިރު އެގައުމުގައި ހުންނަ އެންމެ ބޮޑު އެއް އިންޓަނޭޝަނަލް ބްރޭންޑް 'ހިލްޓަން' ގެ ހޮޓަލުގައި ވެސް ވަނީ ރޯކޮށްލާފައެވެ. މީގެ އިތުރުން ޕާލަމެންޓް ހައުސް އާއި، ބޮޑުވަޒީރުގެ ގެކޮޅާއި އެނޫންވެސް އެތައް އޮފިޝަލުންނެއްގެ ގޭގައި ރޯކޮށް ވަނީ އަންދާލާފައެވެ.