ހުޅުމާލެ 1 ގައި ހުންނަ ރެހެންދި ސްކޫލަށް ބޮމުގެ އިންޒާރެއް އައިސް، އެކަމާ ގުޅިގެން ފުލުހުން އެ ސްކޫލުގައި ހަރަކާތްތެރިވެއްޖެއެވެ.

މިކަމާ ގުޅިގެން ފުލުހުން މިހާތަނަށް ބުނީ އެ ސްކޫލަށް ފުލުހުން ދިޔައީ ލިބުނު މައުލޫމާތަކާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކަމަށެވެ. އެހެންނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ، ސްކޫލުގެ މެއިލްއަށް ބޮމެއް އޮތް ކަމަށް ބުނެ ނޭނގޭ ފަރާތަކުން އީމެއިލްއެއް ފޮނުވި ކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ އެ ސްކޫލުގެ ޓީޗަރުންކަމަށާއި ފުލުހުން ސްކޫލަށް ދިޔައީ 9:00 ހާއިރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު ނުރައްކަލެއް ނެތްކަން ޔަގީން ކުރުމަށްފަހު 10:00 ހާއިރު ފުލުހުން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފުލުހުން ސްކޫލަށް ދިޔަ ނަމަވެސް އެ ވަގުތު ކިޔެވުމަށް އެއްވެސް ބުރޫއެއް ނާރާކަން މިނިސްޓަރު ވިދާޅުވިއެވެ.

ރާއްޖޭގައި މަދުން ނަމަވެސް މިފަދަ އިންޒާރުތައް ދޭ މައްސަލަތައް ފެންމަތިވަމުން އަންނައިރު، މިފަދަ މައްސަލަ ތަކަކީ ކަމާއި ގުޅޭ އިދާރާތަކުން ވަރަށް ސީރިއަސްކަމާއެކު ބަލާ މައްސަލައެކެވެ.