މީޑިއާ ކޮމިޝަން ބިލު ބޭރު ކުރަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެޓާނީ ޖެނެރަލް އަހުމަދް އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައިވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރަމުންދާ ދަނޑިވަޅެއްގައި ރައީސް އޮފީހުގައި މިވަގުތު ބާއްވަމުންދާ ޕްރެސް ކޮންފެރެންސްގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން އުޝާމް ވިދާޅުވީ 2022 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި މީޑިއާ ކައުންސިލް އިން ފޮނުވި ޑްރާފްޓް ބިލް އެއް އެބައޮތް ކަމަށާއި، އެ ބިލާ މިހާރު ހުށަހަޅާފައިވާ ބިލާ ދެމެދު މާ ބޮޑު ތަފާތެއް ނެތް ކަމަށެވެ.

އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން މި ޑްރާފްޓް ފޮނުވާފައިވަނީ މީޑިއާގައި މަސައްކަތް ކުރައްވާ ފަރާތްތަކާއެކު މަޝްވަރާކުރެއްވުމަށްފަހު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެގޮތުން މީޑިއާގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް މިހާރު ވެފައިވަނީ މިހާރު ހުށަހަޅާފައިވާ ބިލުގައި ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރާ މެމްބަރުންތަކެއް ތިބުން ކަމަށާއި، ކޮމިޝަނުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަމެއްކަމުގައި އޮތުން ކަމަށެވެ.

މިކަމާ ގުޅިގެން ރައީސް އެބަވޭ ވިދާޅުވެފަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ކޮމިޝަނުގެ ރައީސަކީ ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާ ނަމެއް ނޫން ކަން
އުޝާމް

މީގެއިތުރުން ދެން އޮތް ކަންބޮޑުވުމަކީ އެ ކޮމިޝަނުގައި ރައީސް އައްޔަން ކުރައްވާ އެއްވެސް މެމްބަރަކު ހުރުން ކަމަށާއި، ނަމަވެސް މީޑިއާ ކައުންސިލްގެ ފަރާތުން އެންމެ ފަހުން ބަންޑާރަ ނައިބުގެ އޮފީހަށް ފޮނުވާފައިވާ ބިލުގެ 4 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ކޮމިޝަން އެކުލެވެނީ 7 މެމްބަރުންގެ މައްޗަށް ކަމަށާއި، އޭގެތެރެއިން 5 މެމްބަރުންނަކީ މީޑިއާގެ ތެރެއިން އިންތިހާބު ކުރާ މެމްބަރުންނަށް ވެފައި ދެން އިން 2 މެމްބަރުންނަކީ ރައީސް އައްޔަން ކުރައްވާ މެމްބަރުން ކަމަށެވެ.

އުޝާމް ވިދާޅުވީ މީޑިއާ ކައުންސިލުން ހުށަހަޅާފައިވާ ބިލުގައި މިފަދައިން އޮތުން މައްސަލަ އަކަށް ނުވެފައި މިހާރު ހުށަހަޅާފައިވާ ބިލު މައްސަލައަކަށް ވާ ސަބަބެއް ސާފު ނުވާ ކަމަށެވެ.

ފާހަގަކުރެވޭ ގޮތުގައި ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި އޮއްވައި ދައުރުން ބޭރުން އިއްޔެ ބޭއްވި ޖަލްސާގައި މީޑިއާ ބިލުގެ ބަހުސް ނިންމާ ބިލު ދިރާސާކުރުމަށް ކޮމިޓީއަށް ފޮނުވުމާއި ގުޅިގެން ނޫސްވެރިން ވަނީ އިއްޔެ އާއި މިއަދުވެސް އިހުތިޖާޖުކޮށްފައެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލާއި ގުޅިގެން ސޯޝަލް މީޑިއާގައިވެސް ގިނަ ބައެއްގެ ނުރުހުން ސަރުކާރާއި، ޕީއެންސީއަށް ނިސްބަތްވާ މަޖިލީސް މެންބަރުންނަށް އަމާޒުވަމުން އަންނައިރު، މި ބިލުގެ މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.

މީޑިއާ ބިލާ ދެކޮޅަށް ރައީސް އޮފީސް ސަރަހައްދުގައި ނޫސްވެރިން އިހުޖާޖުކުރަނިކޮށް، ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް)އާއި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އިބްރާހިމް ހަލީލްވަނީ ނޫސްވެރިންނާ ބައްދަލުކުރައްވާފައެވެ.