މިދިޔަ ޖުލައި މަހު 239 ކައިވެނިކޮށްފައިވާއިރު، ވަރީގެ 194 މައްސަލަ ހުށަހަޅާފައިވާކަމަށް ފެމެލީ ކޯޓުން ބުނެފިއެވެ.

ފެމެލީ ކޯޓުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކަށް ބަލާއިރު ވަރިވުމަށް 82 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ޖޫން މަހު ހުށަހަޅާފައިވާ މައްސަލަތަކާއި އެކު ވަރީގެ 168 މައްސަލަ ނިމިފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މީގެ އިތުރުން ވަރިވުމަށް އެދި މިދިޔަ މަހު ހުށަހެޅި 68 މައްސަލަ ނިމިފައިނުވާކަން ކޯޓުން ވަނީ ފާހަގަކޮށްފައެވެ.

ވަރިކުރުމަށް އެދި 35 މައްސަލަ، ހުށަހަޅާފައިވާއިރު ޖޫން މަހު ހުށަހަޅާފައިވާ މައްސަލަތަކާއެކު ޖުމްލަ 56 މައްސަލަ ވަނީ ނިންމާފައެވެ. އަދި ވަރިވުމަށް އެދި ހުށަހެޅި މައްސަލަތުގެ ތެރެއިން 25 މައްސަލަ ނިމިފައިނުވާކަމަށް ފެމެލީ ކޯޓުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން މިދިޔަ މަހު ވަރި ސާބިތުކުރުން 75 މައްސަލަ ހުށަހަޅާފައިވާއިރު، ޖޫން މަހު ހުށަހަޅާފައިވާ މައްސަލަތަކާއެކު ޖުމްލަ 103 މައްސަލަ ނިންމާފައިވެއެވެ. އަދި ވަރި ސާބިތު ކުރުމާއި ގުޅޭ 24 މައްސަލަ ނުނިމި އޮތްއިރު، ވަރިއާއި މެދު ޝައްކު އުފެދިގެން ޖޫން އަދި ޖުލައި މަހު ހުށަހަޅި މައްސަލަތަކުގެ ތެރެއިން 4 މައްސަލަ ވަނީ ނިންމާފައެވެ.

މީގެ އިތުރުން މިދިޔަ މަހު ކުޑަކުދިންނާއި ގުޅުން ހުރި 14 މައްސަލައެއް ނިންމާފައިވާއިރު، ހަރަދު ހޯދުމަށް އެދި ހުށަހެޅި 11 މައްސަލައެއް ވަނީ ނިންމާފައެވެ. އަދި ފެމެލީ ކޯޓަށް ހުށަހަޅާފައިވާ އާއިލީ މައްސަލަތަކުގެ ތެރެއިން 13 މައްސަލަ އެއް ވަނީ ނިންމާފައެވެ.