މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ހުށަހެޅި ބިލު މަޖިލީހުން ބޭރުކުރުމަށް، ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓްސް (ސީޕީޖޭ) އިން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައިފި އެވެ.

ނޫސްވެރިންގެ ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ ޖަމިއްޔާއެއް ކަމަށްވާ ސީޕީޖޭގެ އޭޝިއާ ޕްރޮގްރާމުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސް އައްޔަންކުރައްވާ ބޭފުޅުންނާ އެކު އާ ކޮމިޝަނެއް އުފައްދައި، މީޑިއާތައް ޖޫރިމަނާކުރުމާއި ސަސްޕެންޑްކުރުމުގެ ބާރުދީ، ބޭނުންހާ ގޮތެއް މީޑިއާތަކަށް ހެދޭ ގޮތަށް އޮތް މި ބިލުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ރާއްޖޭގެ ޑިމޮކްރަސީގެ ނިޒާމަށް ވެސް ނުރައްކާވާނެ ކަމެއް ކަމަށެވެ.

އަދި ހަމައެހެންމެ މީޑިއާގެ މިނިވަންކަން ދަމަހައްޓަން ރައީސް މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ދަމަހައްޓަވައި، މި ބިލު މަޖިލީހުން ބޭރުކުރާނެކަން ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެސް މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅި ދެވަނަ ފަހަރުކަން ފާހަގަކޮށް ބުނީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި އަދި ސަރުކާރުގެ ފުރިހަމަ ނުފޫޒު މީޑިއާތަކަށް ފޯރުވޭ ގޮތަށް ފަރުމާކޮށްފައިވާ މި ބިލު މަޖިލީހުން ބޭރުކުރަން ރައީސް މުއިއްޒަށް ވަނީ އެ އިދާރާއިން ގޮވާލާފައެވެ.

ސީޕީޖޭއިން މިފަދަ ބަޔާނެއް ނެރެފައިވާއިރު ބިލު މަޖިލީހުން ބޭރުކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ވެސް ވަނީ ގޮވާލާފައެވެ.

އެމްއެމްސީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މުޅި ބިލު ފަރުމާކޮށްފައިވަނީ ގާނޫނުއަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގަށް ވަރަށް ބޮޑަށް ހުރަސްއެޅޭ ގޮތަށް ކަމަށެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރުމަށް މިހާރު އޮތް މިނިވަން ސެލްފް ރެގިއުލޭޓަރީ ނިޒާމް އެއްކޮށް ބަދަލުކޮށް، އެއިރެއްގައި އޮންނަ ސަރުކާރަކަށާއި ރައްޔިތުން މަޖިލީހުގެ މެޖޯރިޓީ އޮތް ޕާޓީއަކަށް މުޅި މީޑިއާގެ ކޮންޓްރޯލް ލިބޭ ގޮތަށް ބިލުގައި ހިމަނާފައިވާ ކަމަށް ފާހަގަކޮށްފައިވެއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅި މި ބިލުގައި މީޑިއާތައް 100،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާއި ނޫސްވެރިން 25،000 ރުފިޔާއިން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބުނެފައި ވެއެވެ. އަދި ލައިސަންސާއި ރަޖިސްޓްރީ ހިފެހެއްޓުމާއި ބާތިލް ކުރުމުގެ އިތުރުން، ދެ މުއައްސަސާ އެއްކޮށްލައި ހަދާ 'މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން' ގެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމުގެ އިތުރުން އެހެން ގާނޫނަކުން މައްސަލަ ބަލައި ފިޔަވަޅު އެޅުމުގެ ބާރުވެސް ދީފައި ވެއެވެ.

އެގޮތުން ހުށަހެޅި ބިލުގެ 73 ވަނަ މާއްދާގައި ބުނަނީ، ކޮމިޝަނުން ބަލާ މައްސަލައެއް އެހެން ގާނޫނަކުން ބެލުމަށް ކޮމިޝަނަށް ބާރު ލިބޭ ކަމަށާއި އެގޮތުން މައްސަލައ ބަލައި ތަހުގީގުކޮށް އެ ގާނޫނެއްގެ ދަށުން ފިޔަވަޅުވެސް އެޅިދާނެ ކަމަށެވެ. ދިރާސާ ކުރާ ފަރާތްތަކުން ބުނާގޮތުގައި، މިއީ އެހެން ގާނޫނަކުން މައްސަލަ ބަލާއިރު ކޮމިޝަންގެ ގާނޫނުގައި ބުނާ ފިޔަވަޅު އެ މީޑިއާއަކަށް ނުވަތަ ނޫސްވެރިއެއްގެ މައްޗަށް ނުވަތަ އެ މީޑިއާއެއްގައި މަސައްކަތް ކުރާ ފަރާތެއްގެ މައްޗަށް އެޅުމަށް އޮތް ހުރަހެއް ނޫނެވެ. އަލަށް އުފައްދާ ކޮމިޝަން އެކުލަވާލަން ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވައި 3 މެންބަރުންނާއި މީޑިއާތަކުން ތަމްސީލު ކުރާ 4 މެންބަރުން ހިމެނޭހެން ޖުމްލަ 7 މެންބަރުންގެ މައްޗަށެވެ.