މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ، ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އެތަން ތަރައްގީ ކޮށްދެއްވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވަނީ އއ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ރަސްދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ މަޑިވަރު ފިނޮޅު، ހިމާޔަތްކޮށް އެ ފިނޮޅަކީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން އޮންނަ ތަނަކަށް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެ ވައުދު ފުއްދެވުމުގެ ގޮތުން އެތަނުގެ ވަށައިގެން ޖިއޯބޭގްސް ޖަހައި ވެލިއަރާނެ ގޮތަށް ތަރައްގީކޮށްދީ، ލޯކަލް ޓޫރިޒަމާއި ޕިކުނިކު ދިއުންފަދަ ހުރިހާ ބޭނުމަކަށް ބޭނުންކުރެވޭގޮތަށް އެތަން ތަރައްގީ ކޮށްދެއްވާނެ ކަމަށެވެ.

މީގެ އިތުރުން ރަށުގެ ބައެއް ކަމުގައި ފަޅުތެރެއިން ކަނޑައަޅާފައިވާ، 200 ހެކްޓަރުގެ ތެރޭގައި ރަށަށް ބޭނުންވާ ގެދޮރުވެރިކަމާއި ސިނާއީ އެހެން މަސައްކަތްތަކަށް ބޭނުންވާނެ ބިން ހިއްކައިދޭނެކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި، ބަނދަރުގެ މަޝްރޫއާއި މަޑިވަރު ފިނޮޅުގެ މަޝްރޫއު ނިންމުމަށްފަހު ބިންހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަވާނެކަމުގައިވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި ރަސްދޫގެ ތަރައްގީއަށް މުހިންމު 3 އެއްބަސްވުމެއްގައިވެސް މި ރަސްމިއްޔާތުގައި ސޮއިކޮށްފައިވެއެވެ. އެއީ ރަސްދޫ ސްޕޯޓްސް ކޮމްޕްލެކްސްއާއި، އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ތިން ބުރި އިމާރާތުގެ އިތުރުން އެ ރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެވެ.

މި މަޝްރޫއުތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ރަށުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްގީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވަނީ ރަސްދޫގައި މިސްކިތެއް އެޅުމަށް ބިން ހަމަޖެހުނުހާ އަވަހަކަށް ޒަމާނީ އާ އިތުރު މިސްކިތެއްގެ މަޝްރޫއުވެސް ކުރިއަށްގެންދަވަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

އިތުރަށް ރައީސް ވިދާޅުވީ ކައުންސިލަށް އާމްދަނީ އިތުރުކޮށްދިނުމަށްޓަކައި ވަރަށް ކުރީއްސުރެ ޕޮލިސް ސްޓޭޝަނަށް ދީފައި އޮތް ބޮޑު ބިމުގެ އިރުދެކުނުން ދިހަ ހާސް އަކަފޫޓު ޕޮލިސް ބިމުން ވަކިކޮށް ކައުންސިލާއި ހަވާލުކުރަން ނިންމަވާފައިވާކަމަށެވެ. މިކަމުގެ ސަބަބުން ކައުންސިލަށް ރައްޔިތުންނަށް ފައިދާވާނެ ކަންކަން ކުރެއްވޭނެކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.