މާލޭގެ ގެއެއްގައި ބަންގްލަދޭޝްގެ މީހަކު ބަންދުކޮށް، އޭނާގެ އާއިލާއަށް ގުޅައި ފައިސާ ހޯދަން ޑިމާންޑްކުރި ދެ މީހަކު ހައްޔަރުކޮށް ބަންދަށް 15 ދުވަސްޖަހައިފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރުގައިވާ ގޮތުން ރަހީނުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ މުހައްމަދު ޝަޖަހާންއެވެ. އަދި އޭނާ ރަހީނުކުރި މައްސަލާގައި ހައްޔަރުކުރީ އުމުރުން 37 އަހަރުގެ ސަދިގުލް މިއާ އާއި މުހައްމަދު އަޒީޒުލްއެވެ.
ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުގައިވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ ދަންވަރު 12:40 ހާއިރު ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޝަޖަހާން ރަހީނުކޮށް، އަނިޔާކުރަމުންދާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި ޝަޖަހާންގެ ފޯނު ނަމްބަރުގެ ލޮކޭޝަން ބެލިއިރު އޭނާ އެ ވަގުތު ހުރީ މއ. ރަނައުރާ ގޯޅީގައި ހުރި ތަނެއްގައިކަން އެނގުނު ކަމަށް މި އަމުރުގައި ވަނީ ބުނެފައެވެ.
ފުލުހުން އެ ސަރަހައްދުގައި ތިއްބައި، އެ ގޯޅިތެރޭގައި ހުންނަ އެސްއައި ގެސްޓްހައުސް އިން ޝަޖަހާން ނުކުމެގެން އައި ތަން ފެނުނުކަމަށާއި އޭނާއާ ސުވާލުކުރުމުން، އަޒީޒުލް އާއި އިތުރު ބަޔަކު އޭނާ ރަހީނުކޮށް ބިރުދައްކަމުންދާކަމަށް ބުނެފައިވާކަމަށް މި އަމުރުގައިވަނީ ބުނެފައެވެ. އޭނާ ބަންދުކޮށްގެން ގެންގުޅުނު ކަމަށް ބުނާ ކޮޓަރިއަށް ފުލުހުން ވަންއިރު، އަނިޔާކުރި ކަމަށް ބުނާ ދެ މީހުން އެ ވަގުތު އެތަނުގައި ތިބި ކަމަށާއި ދެމީހުންވެސް ހައްޔަރުކުރީ ކުށުގެ ވެށިންކަމަށް ބުނެފައިވެއެވެ.
ކޯޓު އަމުރުގައިވާ ގޮތުން ތިލަފުށީގައި މަސައްކަތްކުރާ ސަދިގުލްއަކީ ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދާ މީހެއްކަން ވަނީ ފާހަގަކޮށްފައެވެ. އަދި އަޒީޒުލް އަކީވެސް ސައްހަ ނޫން ވިސާއެއްގައި އުޅޭ މީހެއްކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ. ބިދޭސީންނަށް ވެފައި ބަންދުން ދޫކޮށްލައިފި ނަމަ، ފިލައިގެން ބޭރަށް ދިއުމުގެ ފުރުސަތު އޮތްކަމަށް ބުނެ ކޯޓުން ވަނީ ދެ މީހުންގެ ބަންދަށްވެސް 15 ދުވަސް ޖަހާފައެވެ.
ފަހަކަށް އައިސް ރާއްޖޭގައިވެސް މީހުން ރަހީނުކޮށް ފައިސާ ހޯދުމުގެ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.