ފަލަސްތީނުގެ ހައްގުގައި މާލޭގައި ބޭއްވި ގައުމީ ބޮޑު ހަރަކާތުގައި އެތައް ހާސް ބަޔަކު ނުކުމެ އަޑުއުފުލައިފިއެވެ.
މިއަދު ހަވީރު މާފަންނު ސްޓޭޑިއަމްގައި ބޭއްވި މި ގައުމީ ބޮޑު ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ވަނީ އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް އަޑު އުފުލާފައެވެ. އެގޮތުން އިންސާނީ އެހީ ވެއްދުމަށްޓަކާ އިޒްރޭލުން އަޅާފައިވާ ހުރަސްތައް ނައްތާލުމަށާއި، އެހީ ވެއްދުމުގެ މަގުތައް ހުޅުވާލުމަށް ވަނީ ގޮވާލާފައެވެ.
މި ހަރަކާތް މިއަދު މާލޭގެ އިތުރުން އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މި ހަރަކާތް ބާއްވާފައިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)ން އިސްވެގެންނެވެ. މި ހަރަކާތުގެ ސަރުކާރުގެ ގިނަ ވަޒީރުންނާއި، ރާއްޖޭގެ މަދަނީ ޖަމިއްޔާ ޖަމާއަތްތަކާއި، ކުންފުނިތަކާއި މުއައްސަސާތަކުގެ އިތުރުން ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފައެވެ.
މި އެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ވަނީ މި އެއްވުމަށް ޖަމާވި އެންމެންނަކީ ވެސް ފަލަސްތީނުގެ ރައްޔިތުންނާއި މަސްޖިދުލް އަގުސާ އާއި އިސްލާމީ އުންމަތަށްޓަކައި އެއްވި މީހުން ކަމަށް ވިދާޅުވެފައެވެ. އަދި މިފަދަ އެއްވުންތަކުގެ ބޭނުމަކީ އިޒްރޭލުން ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާތަކާ ދެކޮޅަށް ތެދުވެ، އެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން ހާމަކުރުން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އިޒްރޭލުގެ ލާއިންސާނީ އުދުވާނުތައް ދުވަހެއް ދުވަހަކަށް އިތުރު ވަމުންދާއިރު، ގާޒާގެ ހާލަތު ދުނިޔެއަށް ކިޔައިދީ އަދި އެ މަންޒަރުތައް ދުނިޔެއަށް ދައްކައިދިނުމުގައި އެންމެ އަވަދިނެތި ހަރަކާތްތެރިވާ ނޫސް އެޖެންސީ، އަލްޖަޒީރާގެ ނޫސްވެރިން ތިބި ޓެންޓަކަށްވެސް އިޒްރޭލުން ވަނީ މި މަހުގެ 11 ވަނަ ދުވަހު ހަމަލާދީ 5 ނޫސްވެރިޔަކު މަރާލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން މިއަދު އެކެނިވެސް އިޒްރޭލުން ދިން ހަމަލާގައި ފަލަސްތީނުގެ 31 މީހަކު ޝަހީދުކޮށްލާފައިވެއެވެ.