އަތޮޅުގެ ތަރައްގީއަށް ބަލާއިރު އެއް ރަށާއި އަނެއް ރަށް ތަފާތު ކުރުމުގެ ސިޔާސަތު ނައްތާލައި ހަމަހަމަކަމާއެކީ ތަރައްގީ ގެނެސްދޭނެ ސިޔާސަތެއް ތަންފީޒު ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާލުވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ބ. ކަމަދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަ ފުޅުގައެވެ.
ރައީސް ވިދާޅުވީ، ކަމަދޫގެ އިގްތިސޯދީ ތަރައްގީ އަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާނެ ކަމަށާއި މީގެ ކުރިން އެ އަތޮޅުގެ ތަރައްގީއަށް މަސައްކަތް ކުރާ އިރު ކަމަދޫ އޮންނަނީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ކަމަށެވެ. އިރާދަ ކުރެއްވިއްޔާ އެ ތަފާތުކުރުން ނައްތާލައި ހަމަހަމަކަމާއެކީގައި ތަރައްގީ ގެނެސްދޭނެ ސިޔާސަތެއް ތަންފީޒުކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކަމަދޫއަށް ތަރައްގީ ގެނައުމަށް ކުރައްވާނެ ކަންކަމުގެ ތެރެއިން ސިއްހީ ދާއިރާއިން ތަރައްގީ ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެއީ އެ ރަށުގެ ރައްޔިތުންގެ ދުޅަހެޔޮކަން ގާއިމް ކުރުމަށާއި އަދި އިގްތިސޯދީ ގޮތުން ކުރިއަރައިގެން ދާ ދިއުމުގައި ލޯކަލް ޓޫރިޒަމްގެ ތެރެއިން ވެސް ސިއްހީ ދާއިރާ ތަރައްގީ ކުރަން ބޭނުންވާ ކަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން އެ ރަށުގެ ސިއްހީ މަރުކަޒުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ވަސީލާތައި ހިދުމަތް ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ވިދާޅުއެވެ. އަދި އެ ވަސީލަތްތައް ފޮރުކޯށް ދެވުމާއެކު ހިދުމަތް ދޭ ވަގުތު 16 ގަޑިއިރަށް އިތުރުކޮށްދެވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ސއިްހީ މަރުކަޒުގެ މަސައްކަތް ކުރުމަށް އެއްބަސްވުމުގައި ސޮއިކޮށް މި އަހަަރުތެރޭ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިއަދު ކަމަދޫ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ އެ ރަށު ސްކޫލްގެ އާ އިމާރާތް އެޅުމުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، އެ ރަށު ސްކޫލްގެ އާ އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ތަނަވަސް އަދި ފެންވަރު ރަނގަޅު އިމާރާތަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ.
ހަމައެއާއެކު މިއަދުގެ އެ ރަސްމިއްޔާތުގައި ސީޕްލޭންގެ ހިދުމަތް ކަމަދޫއަށް ފެށުމަށް އައިލެންޑް އޭވިއޭޝަން އާއި ހޯކްސްއާ އެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އެގޮތުން ސީޕްލޭންގެ ހިދުމަތް ފެށިގެން ދިއުމަކީ ލޯކަލް ޓޫރިޒަމް ތަރައްގީވަމުން އަންނަ ދަނޑިވަޅެއްގައި ވަރަށް ބޮޑު އިގްތިސޯދީ ފައިދާއެއް ކުރާނެ ކަމެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.