މާލޭގެ ނޯތު ހާބާރުގެ އުތުރުން އޮތް މަސްވެރިންނަށް ހާއްސަ ބަނދަރު ބެނުންކުރާ މަސްވެރިންނަށް ދިމާވާ ދަތިތައް ހައްލުކޮށް ދީ، ފެނާއި ކަރަންޓުގެ ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން ވިދާޅުވެއްޖެއެވެ.
އެމްޕީއެލް ބަނދަރުން ފެށިގެން ނޯތު ހާބަރާ ހަމައަށް އެމްޕީއެލް ބަލަހައްޓަމުން އައިސްފައިވާ އިރު، މީގެ މަސް ދުވަސް ކުރިން ނޯތު ހާބަރުން ފެށިގެން އުތުރަށް މަސް މާރުކޭޓާ ހަމައަށް އޮތް ބަނދަރު ސަރަހައްދު ވަނީ އެމްޕީއެލްއާ ހަވާލުކޯށްފައެވެ. މީގެ ކުރިން އެ ސަރަހައްދު ބަލަހައްޓަމުން ގޮސްފައި ވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
އެ ސަރަހއްދު އެމްޕީއެލްއާ ހަވާލު ކުރުމުން ރޭ އެމްޕީއެލް ހެޑްއޮފީހުގައި ވަނީ މަސްވެރިންނާ އެކު މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމުގައި 30 އަކަށް މަސްވެރިން ބައިވެރިވެފައިވާ އިރު، އެމްޕީއެލްގެ އެމްޑީ ވެސް ވަނީ މަސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވާފައެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރިޝްވާން ވިދާޅުވީ، އެންމެ ބޮޑު އިސްކަމެއް ދެއްވަނީ މަސްވެރިންގެ ހިޔާލާ އެއްގޮތަށް އެ ބަނދަރުގެ ކަންކަން ބަދަލު ކުރުމަށް ކަމަށާއި މަސްވެރިން އެދޭ ހުރިހާ ހިދުމަތެއް ފޯރުކޮށް ނުދެވުނު ކަމުގައި ވިޔަސް ކޮންމެވެސް ބަދަލެއް ގެނެސްދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދެތިން ހަފްތާއެއްގެ ތެރޭގައި އެ ސަރަހައްދުގއި އުޅޭ މަސްވެރިންގެ ޝަކުވާތައް ދެނެގަނެ، ދިމާވާ ދަތިތައް ހައްލުކޮށް ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.
އެގޮތުން މަސް މާރުކޭޓް ސަރަހައްދު ކުރިމައްޗަށް ވާ ގޮތަށް އޮތް ބަނދަރަކީ މަސްވަރިންނަށް ހާއްސަ ބަނދަރަކަށް ހައްދަވާނެ ކަމަށާއި އެ ސަރަހައްދަށް މުދާ އުފުލާ ބޯޓު ފަހަރުތަކަށް ނުވަދެވޭނެ ގޮތަށް އިންތިޒާމްތައް ހަމަޖައްސަވާނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ. ހަމައެއާއެކު އެ ސަރަހައްދުން ފެނާއި ކަރަންޓުގެ ހިދުމަތް ވެސް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.
މީގެ އިތުރުން ކުރިއަށް އިތް ހަފްތާ ތެރޭގައި އެފްއެސްއެމްއާ ބައްދަލު ކުރާނެ ކަމަށާއި އަދި އެ ފަރާތާއެކުގައި ވެސް މަސްވެރިންނަށް ތެޔޮ ލޮބޭނެ ިންތިޒާމް ހަމަޖެއްސުމާ ގުލޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ރިޝްވާން ވިދާޅުވިއެވެ. މީގެ އިތުރުން އައިސް ލިބުމުގެ އިންތިޒާމް ވެސް ހަމަޖެއްސުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މަސްވެރިންނަށް ލުއި ގޮތްތައް ހޯދައި ދިނުމުގެ އަޒުމެއްގައި ހުންނެވި ކަން ހާމަކުރައްވަމުން ރިޝްވާން ވިދާޅުވީ، ސީދާ ކަންކަން ކުރައްވާނެ ކަމަށް ވައުދުވެވަޑައިނުގަންނަވާނެ ކަމަށެވެ. ވީ ވަރަކުން ކުއި ގޮތްތައް ހޯއްދައި ދިނުމަށް މަސައްކަތްކޮށް ކުދިކުދި ބަދަލުތައް ގެނައުމަށް އިސްކަން ދީގެން މަސައްކަތް ފެށުމަކީ ވިސްނަވާ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަމާޒަކީ މަސްވެރިންނާ ވީހާވެސް ގާތުން މަސައްކަތްކޮށް މަސްވެރިންނަށް ލުއި ގޮތްތައް ހޯދައި ދިނުން ކަމަށާއި، ބާނައިގެން އަންނަ މަސްކޮޅު މާރުކޭޓާ ހަމައަށް ގެންދިއުމަށް ވެސް ލުއި ފަސޭހަ ގޮތްތައް ހަމަޖެއްސުމަށް އެ ސަރަހައްދުގައި ބޭނުން ކުރާނެ ޓްރޮލީތައް ހަމަޖައްސަވާނެ ކަމަށް ރިޝްވާން ވިދާޅުވިއެވެ.