ރާއްޖޭގެ ފަތުރުވެރިކަން ފުޅާކޮށް ތަރައްގީ ކުރުމުގައި އިޖުތިމާއީ އަދި ދީނީ މިންގަނޑުތަކާ ހިލާފު ނުވާނެހެން ފަތުރުވެރިކަމުގެ އިސްތިހާރުތައް ކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެ މިނިސްޓްރީން ވަނީ ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަން އިސްތިހާރު ކުރުމާއި ބެހޭ ގަވާއިދު އެކުލަވާލާ އާންމުކޮށްފައެވެ. އެ ގަވައިދުގައި ވަނީ ފަތުރުވެރިކަމުގެ އިސްތިހާރުތައް ކުރަންވާނީ ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި ފުށުނާރާ ގޮތަށް ކަމަށާއި، އިޖުތިމާއި މިންގަޑުތަކާއި ސަގާފީ ގޮތުން ނުވަތަ ދީނީގޮތުން ނޭދެވޭ ގޮތަކަށް ކޮންޓެންޓް ހުރެގެން ނުވާނެ ކަމަށް ބުނެފައެވެ.

މީގެއިތުރުން ފަތުރުވެރިންނަށް ހިދުމަތް ދޭ ތަންތަނާއި ބެހޭ ގޮތުން ކުރަން ޖެހޭނީ ސައްހަ މައުލޫމާތު އެކުލެވޭ އިސްތިހާރު ކަމަށާއި، އެހެން ގައުމަކަށް އެހެން ސަގާފަތަކަށް ނުވަތަ އެފަދަ އެއްވެސް ފަރާތަކަށް ނޭދެވޭ ފަދަގޮތަކަށް އިސްތިހާރުތައް ހުރެގެން ނުވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. އަދި ފަތުރުވެރިން ބޭތިއްބުމަށް އިސްތިހާރު ކުރާ ތަންތަނަކީ ޓޫރިޒަމް މިނިސްޓްރީގައި ރަޖިސްޓްރީ ވެފައި ނުވަތަ އޮޕަރޭޓިން ލައިސަންސެއް އޮތް ފަރާތަކަށް ވާންޖެހޭނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ގަވައިދުގެ ދަށުން އިސްތިހާރުގެ ގޮތުގައި ބެލެވެނީ ޕްރިންޓް، ޑިޖިޓަލް، އޮންލައިން، ވީޑިއޯ އަދި ސޯޝަލް މީޑިއާ ފްލެޓްފޯމްތަކުގައި ކުރާ އިސްތިހާރުތައް ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. އަދި މި ގަވައިދު ހިނގާނެ ދާއިރާތައް ވެސް އެ މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ. އެއީ:

  • ޓޫރިސްޓް ރިސޯޓު
  • އިންޓަގްރޭޓަޑް ޓޫރިސްޓް ރިސޯޓު
  • ޕްރައިވެޓް އައިލެންޑް
  • ޓޫރިސްޓް ހޮޓާ
  • ޓޫރިސްޓް ގެސްޓް ހައުސް
  • ޓޫރިސްޓް އުޅަނދު،، ޔޮޓު ބަނދަރު، ފީނުމުގެ ހިދުމަތްދޭ ތަންތަން
  • މޫދުކުޅިވަރު ހިދުމަތްދޭ މަރުކަޒު
  • ވޯޓާ ރިލޭޓެޑް ސްޕޯޓްސް އެންޑް އެކަސްކާޝަން ސެންޓަރު

ޓޫރިޒަމް މިނިސްޓްރީން ބުނީ މި ގަވައިދުތަކުގެ މަގްސަދަކީ ބޭރު ދުނިޔޭގައި ރާއްޖެ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ޝައުގުވެރިކަން އުފެއްދުމަށް ކުރާ އެކިއެކި އިސްތިހާރުތަކުން ދެވޭ މައުލޫމާތަކީ ސައްހަ މައުލޫމާތު ކަން ކަށަވަރު ކުރުންކަމަށެވެ. އަދި ފަތުރުވެރިންނަށް އެ ފަރާތްތައް ރާއްޖޭގައި ހޭދަކުރާ ދުވަސްތަކަކީ އެ މީހުން ބޭނުންވި އަދި ހިތްހަމަޖެހޭ ފަދަ ދުވަސްތަކަށް ހެދުމަށް ބާރު އެޅުންކަމަށެވެ.

ރާއްޖޭގެ އިގްތިސޯދު ބަރޯސާ ވެފައިވާ އެއް ސިނާއަތަކީ ފަތުރުކަމުގެ ސިނާއަތަށް ވާއިރު، ސަރުކާރުގެ ފަރާތުން ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމަށް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިމިދިޔަ އަހަރު 2.05 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މި އަހަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު 2.3 މިލިއަންނަށް އަރާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ފަތުރުވެރިން ޒިޔާރަތްކުރި މިންވަރަށް ބަލާއިރު މިދިޔަ ޑިސެމްބަރު މަހު ރާއްޖެއަށް 217،392 ފަތުރުވެރިން އައިސްފައިވާ އިރު، މި އަހަރުތެރޭ ތިން މަސް ދުވަހުގެ ތެރޭގައި ވެސް 2 ލައްކައަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައި ވެއެވެ. ތިން މަހުގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން އައިސްފައި ވަނީ ޖެނުއަރީ މަހުގައެވެ.