ގެދޮރުވެރިޔާ ސްކީމްގެ 4000 ފްލެޓް ލިބިފައިވާ މީހުންނާ އެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ދާ އިރު މިހާތނަށް 232 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށޫން ދޫކުރާ 4000 ފްލެޓްގެ އެއްބަސްވުމުގައި ސޮއި ކުރަން ފަށާފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ބުނީ، އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައި ވަނީ 253 މީހުންނާއެކުގައި ކަމަށާއި އޭގެތެރެއިން 232 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. ފްލެޓް ލިބޭ މީހުންގެ ލިސްޓް ކަނޑަ އަޅަނީ ހައުސިން މިނިސްޓްރީން ކަމަށް ވާ އިރު، މިހާތަނަށް 2665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން ފޮނުވާފައިވާ ކަމަށް އެފްޑީސީން ބުނެއެވެ.

އެހެންކަމުން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހައުސިން ޔުނިޓު ލިބުނު ފަރާތްތަކާއެކު އެއްބަސްވުމުގައި ސޮއިކުރުމުގެ މަސައްކަތް އިތުރަށް ހަލުވިކޮށް، ދުވާލެއްގެ މައްޗަށް އެއްބަސްވުންތަކުގައި ސޮއިކުރެވޭ މިންވަރު އިތުރުކުރުމަށް އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާނެ ކަމަށް ވެސް ބުނެއެވެ.

މި މަޝްރޫއުގައި ހިމެނޭ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ދޫކުރުމަށް ނިންމާފައިވަނީ 9500 ރުފިޔާއަށެވެ. އަދި 2 ކޮޓަރީގެ އަގަކީ 7000 ރުފިޔާއެވެ. އެޕަރޓްމަންޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް ދައްކަން ޖެހެނީ 25000 ރުފިޔާ އަދި ދެ ކޮޓަރީގެ އެޕާޓްމަންޓްތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ.

ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމުގައިވެސް ބުނެފައިވެއެވެ. އަދި ހަމަ އެހެންމެ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް މެއިންޓަނަންސް ފީގެ ގޮތުގައި 1500 ރުފިޔާ މަހަކު ދައްކަން ޖެހޭއިރު، 2 ކޮޓަރިއަށް ދައްކަންޖެހެނީ 1000 ރުފިޔާއެވެ.