ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ހިދުމަތާ، ދިވެހި ޕާސްޕޯޓް ދޫކުރުމުގެ ހިދުމަތް ސްރީލަންކާގައި ރަސްމީކޮށް މިއަދު ފަށައިފިއެވެ.
މި މުހިންމު ހިދުމަތް ފައްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ ގައުމުގައި ހުންނަ ދިވެހި ހައިކޮމިޝަނަށް ވަޑައިގެންނެވެ. ރައީސްގެ ދެކަނބަލުން ހައިކޮމިޝަނަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދުއެވެ.
މި ހިދުމަތް ފައްޓަވައިދެއްވުމަށްފަހު، ރައީސް ވަނީ ލަންކާގައި އުޅޭ ދިވެހި ރައްޔިތަކަށް އެ ގައުމުން ދޫކުރި ފުރަތަމަ ޕާސްޕޯޓް ހަވާލުކޮށް ދެއްވާފައެވެ. މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ ހައިކޮމިޝަނުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި، އެތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާ ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައެވެ.
މި ހިދުމަތަކީ ސްރީލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިންނަށް، ރާއްޖެ ނައިސް އައިޑީ ކާޑާއި ޕާސްޕޯޓުގެ ކަންކަން ފަސޭހައިން ނިންމާލުމަށް މަގުފަހިވެގެންދާނެ ވަރަށް ބޮޑު ލުޔެއްކަން ފާހަގަކޮށްލެވެއެވެ.
