ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވި ދައުވަތަކަށް މިއަދު ރާއްޖެއަށް ވަޑައިގަންނަވައިފިއެވެ.
ސްރީލަންކާގެ ރައީސް ރާއްޖެވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ.
ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ، ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މިދަތުރުފުޅަކީ މިމަހުގެ 28 އިން 30 ގެ ނިޔަލަށް ކުރައްވާ ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ. ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށެވެ.
ދާދިފަހުން ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވަނީ ފްރީ އިކޮނޮމިކް ޒޯނެއް އަދި ފްރީ މޫވްމަންޓް ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ފްރީ އިކޮނޮމިކް ޒޯނުގެ ސަބަބުން ދެ ގައުމުގެ މެދުގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލަށް ވަރަށް ބޮޑެތި ޓެކްސް ލުއިތަކެއް ލިބޭނެ އެވެ. ފްރީ މޫވްމަންޓް ޒޯނުގެ ސަބަބުން، ބޯޑާ ކޮންޓްރޯލަށް ލުއިތަކެއް ލިބި، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވެސް ލިބިގެންވާނެއެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 29، 1965 ގަ އެވެ.