ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންގެ ހިދުމަތުގެ އަގު ވަޒަން ކުރައްވައި 94 ބޭފުޅަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވައިފިއެވެ.
އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވީ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވެވި ރަސްމީ ޖަލްސާގައެވެ.
މިއީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތްކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ގާބިލުކަމާއި، އިހްލާސްތެރިކަމާއެކު ކުރައްވައިފައިވާ ހިދުމަތްތަކަށާއި، އެ ބޭފުޅަކު ވަޒީފާ އަދާކުރެއްވި މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުން ގައުމީ ފެންވަރުގައި، ދިވެހި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވަން ފެއްޓެވި ޝަރަފުވެރި އިނާމެކެވެ.
މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތްކުރެއްވި 94 ބޭފުޅުންނެވެ. 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ހިދުމަތް ކުރެއްވި ބޭފުޅުންނަށް އިނާމު ދެއްވާނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައެވެ.
ދިވެހި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު ދެއްވާނެ ބޭފުޅުން ކަނޑައެޅުއްވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ގައުމީ އިނާމާބެހޭ ކޮމިޓީންނެވެ. މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ހިދުމަތް ކުރައްވައިގެން ޝަރަފުގެ ބެޖާއި އައްޑަނަ ލިބިވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ އާއި ތަހުނިޔާ ދަންނަވާފައެވެ.