ސްރީލަންކާއިން ދިވެހިންނަށް އެއް އަހަރުގެ ވިސާ ދިނުމަށް ނިންމާފައިވާކަމަށް ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތް ހެރަތު ވިދާޅުވެއްޖެއެވެ.
ބޭރުގެ ނޫހެއް ކަމުގައިވާ އެކޮނޮމީ ނެކްސްޓުގައި ލަންކާގެ ފޮރިން މިނިސްޓަރު ވިޖިތް ހެރަތާއި ހަވާލާދީ ބުނެފައިވަނީ މިހާތަނަށް ދިވެހިންނަށް ދޫކުރަމުން އައިސްފައިވަނީ ކުރު މުއްދަތުގެ ވިސާ ކަމަށާއި، ނަމަވެސް އަންނަ މަހުން ފެށިގެން ދިގު މުއްދަތަށް ވިސާ ދޫކުރަން ފަށާނެ ކަމަށެވެ. ދިގު މުއްދަތައް ދޫކުރާ ވިސާގައި އެއް އަހަރު ވަންދެން ދިވެހިންނަށް އެ ގައުމުގައި ދިރިއުޅެވޭނެ ކަމަށް އެކޮނޮމީ ނެކްސްޓުގައި ބުނެފައިވެއެވެ.
ލަންކާއަކީ ދިވެހިންގެ މެދުގައި މަގުބޫލު ގައުމަކަށްވާއިރު، ބޭސްފަރުވާއަށާއި އަދި އެހެނިހެން ދަތުރުތަކުގައިވެސް ގިނަ އަދަދެއްގެ ދިވެހިން ލަންކާއަށް ދެއެވެ. ލަންކާގައި މިހާރު ވިސާގެ ކަންކަން އޮންނަ ގޮތައް ބަލާނަމަ، އެ ގައުމަށް ދިއުމާއެކު 30 ދުވަހުގެ އޮންއެރައިވަލް ވިސާ ދިވެހީންނަށް ލިބެއެވެ. މުއްދަތު އިތުރުކުރަން ބޭނުންވާނަމަ އޮންލައިން ކޮށް އެކަމަށް އެދުމުގެ ފުރުސަތު އޮވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަަކަށް ލަންކާގެ ރައީސް، އަނުރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ވަނީ ހަމަޖެހިފައެވެ. އެގޮތުން މި ދަތުރުފުޅުގައި ވިސާގެ މި ބަދަލުތައް އިއުލާނުކުރައްވާނެ ކަމަށް ބެލެވޭ ކަމަށް ބޭރުގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވެއެވެ.
ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށް ކަމަށްވާއިރު، މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް މެއެވެ.