އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާ ކުރާ 2 "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް"އާ ރައީސް ޑރ. މުހައްމަދު މުއިއްޒު ހަވާލުވެވަޑައިގެންފިއެވެ.
ރައީސް މި ތަކެއްޗާ ހަވާލުވެވަޑައިގަތީ މިކަމަށްޓަކައި އިއްޔެ ހަވީރު ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައެވެ.
އެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެންނެވެ. ބޮޑުވަޒީރު މޯދީ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވަމުން މި ގެންދަވަނީ ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިތުރުން ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބު ދަނޑިވަޅުގައެވެ.
ރައީސް އޮފީހުން ބުނީ އިންޑިއާ ސަރުކާރުގެ ކުރި ހަދިޔާ ރަމްޒުކޮށްދެނީ ރާއްޖޭގެ ސިއްހީ ދާއިރާގެ ތަރައްގީއަށް އިންޑިއާއިން މެދު ނުކެނޑި ފޯރުކޮށްދެމުންދާ އެހީތެރިކަން ކަމަށެވެ.
އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ސްޓޭޓް އޮފް ދި އާޓް "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" އަކީ ޕޯޓަބަލް ހޮސްޕިޓަލެއް ގޮތަށް އެއްތަނުން އަނެއް ތަނަށް ގެންދެވޭ ގޮތަށް ދުނިޔޭގައި ތަރައްގީކުރި މީގެ ފުރަތަމަ ކިއުބެވެ. މި ހެލްތު ކިއުބްގައި އައިސީޔޫ، އޮޕަރޭޝަން ތިއޭޓާ، ޕަވާ ޖަނަރޭޓާ، ލޭގެ ޓެސްޓްތައް ހެދޭނެ ސާމާނު، އެކްސްރޭ މެޝިންފަދަ އާލާތްތައް ހިމެނެއެވެ.
ކާރިސީ ވަގުތުތަކުގައި ގިނަ ބަޔަކަށް ކުއްލި ފަރުވާގެ ހިދުމަތް އެންމެ މަތީ ފެންވަރުގައި ފޯރުކޮށްދެވޭ ގޮތަށް ތަރައްގީ ކޮށްފައިވާ އެ މެޑިކަލް ކިއުބަކީ މެދު ނުކެނޑި 72 ގަޑިއިރު އޮޕަރޭޓްކުރެވޭ އަދި 200 މީހުންނަށް ފަރުވާދެވޭނެ ގާބިލުކަން ހުރި ޕޯޓަބަލް ކިއުބެކެވެ.
އިންޑިއާއިން ހަދިޔާކުރާ 2 "އަރޯގްޔާ މައިތިރީ ހެލްތު ކިއުބް" ގެ ކަންކަން ހިންގުމުގައި ހަރަކާތްތެރިވާނީ ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް އެމަޖެންސީ މެޑިކަލް ސާވިސްއިންނެވެ.