ރަސްމީ ދަތުރުފުޅެއްގައި ލަންކާގެ ރައީސް، އަނުރާ ކުމާރަ ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުން ބުނީ، ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން 3 ދުވަހުގެ މުއްދަތަަކަށް ކަމަށެވެ.
އަދި މި ދަތުރުފުޅުގައި ރައީސް މުއިއްޒާ އެކު ދެ ގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ރަސްމީ މަޝްވަރާތަކެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެއެވެ. ޑިސަނަޔަކެ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމާ ދިމާކޮށެވެ.
މިއީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާގެ ރައީސް ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުވެސް މެއެވެ.
ދާދިފަހުން ދިވެހިރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު ވަނީ ފްރީ އިކޮނޮމިކް ޒޯނެއް އަދި ފްރީ މޫވްމަންޓް ޒޯނެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ފަށާފައެވެ. ފްރީ އިކޮނޮމިކް ޒޯނުގެ ސަބަބުން ދެ ގައުމުގެ މެދުގައި އިމްޕޯޓް އަދި އެކްސްޕޯޓް ކުރާ މުދަލަށް ވަރަށް ބޮޑެތި ޓެކްސް ލުއިތަކެއް ލިބޭނެ އެވެ. ފްރީ މޫވްމަންޓް ޒޯނުގެ ސަބަބުން، ބޯޑާ ކޮންޓްރޯލަށް ލުއިތަކެއް ލިބި، އެއް ގައުމުން އަނެއް ގައުމަށް ދަތުރު ކުރުމުގައި ވެސް ލިބިގެންވާނެއެވެ.
ރާއްޖެ އާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރީ ޖުލައި 29، 1965 ގަ އެވެ.