ދިވެހި ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ޝަރަފުގައި އަވަށްޓެރި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމެވުމުން ހާމަވަނީ ދިވެހިންނަށް އިހުތިރާމު ކުރާ މިންވަރި ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މޯދީ ރާއްޖެ ވަޑައިގަންނަވާނީ މިއަދު އެވެ. މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ރަސްމީ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވާނީ ވެސް މޯދީއެވެ.
މިއީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ފަހުން، މޯދީ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުވެސް މެއެވެ.
އެއާއެކު، ދިވެހިރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ބޮޑުވަޒީރު މޯދީއަށް ދައުވަތު ދެއްވިކަމަށްޓަކައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއަށް ޝުކުރު އަދާ ކުރައްވާ ސޯލިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މޯދީ ރާއްޖެއަށް ކުރައްވާ ދަތުރަކީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ދަތުރަކަށް ވުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
އަދި މިފަދަ ގޮންޖެހުންތަކާއި ނުތަނަވަސްކަން ބޮޑު ދުވަސްވަރެއްގައި މަތީ ފަންތީގެ ދަތުރެއް އިންޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ދަތުރު ކުރެއްވުމަކީ އެ ގައުމުން ދިވެހި ރައްޔިތުންނަށް ކުރާ އިހުތިރާމް ހާމަވެގެންދާ ކަމެއް ކަމަށް ވެސް ސޯލިހު ވިދާޅުވެފައި ވެއެވެ. އަދި މޯދީގެ މި ދަތުރުފުޅަކީ ވަރަށް ބޮޑު ކާމިޔާބީއަކަށްވެ، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން މިހާރަށްވުރެ ވެސް ހަރުދަނާ ވެގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
މޯދީގެ މި ދަތުރުފުޅުގައި ރާއްޖެއާއި އިންޑިއާއާ ގުޅިގެން ކުރިއަށްގެންދާ ބައެއް މަޝްރޫއުތައް ރަސްމީކޮށް އިފުތިތާހުކުރަން ހަމަޖެހިފައިވާއިރު އެމްޑީޕީގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.
މުއިއްޒު ވެރިކަމަށް ވަޑައިގަތީ އިންޑިއާ އައުޓު ކެމްޕޭނު ހިންގައި، އެ ކެމްޕޭނުގެ ތެރެއިން ކަމަށްވާއިރު އެ ހަރަކާތުގައި މި ސަރުކާރުގެ އިސްވެރިން އޭރު ބައިވެރިވެފައި ވެއެވެ. އަދި ހަމަ އެހެންމެ އެމަނކިުފާނު ޗައިނާއަށް ކުރެއްވި ދަތުރަށް ފަހު ރާއްޖެ ވަޑައިގެން އިންޑިއާއަށް ނިސްބަތް ކުރައްވާ ވާހަކަ ކުޑަމީސްކޮށް ދައްކަވާފައިވާއިރު މި ސަރުކާރުގެ ކުރީގެ ތިން ނައިބު ވަޒީރަކު ވެސް އިންޑިއާއާ ދެކޮޅަށް ބަސް ބުނެފައެވެ. އެއާއެކު ދެ ގައުމުގެ ގުޅުން ހީނަރުވެ އެކަމުގެ އަސަރު ފަތުރުވެރިކަމަށް ވެސް ކުރިއެވެ.
ނަމަވެސް ފަހުން އިންޑިއާއާ އެކު އޮތް ގުޅުން ރަނގަޅުކުރަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު މިދިޔަ އަހަރު ތިންވަނަ ދައުރަކަށް މޯދީ ހުވައިކުރެއްވި ރަސްމިއްޔާތަށް ވެސް ރައީސް އިންޑިއާއަށް ވަޑައިގަތެވެ. އަދި އޭގެ ފަހުން ވެސް ރައީސް ވަނި އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ.
މޯދީ އެންމެ ފަހުން ރާއްޖެ ވަޑައިގެންނެވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށެވެ