ސިނާއީ ބޭނުމަށް ތިލަފުށިން ބިން ކުއްޔަށް ދިނުމަށް ކޮށްފައިވާ އިއުލާންތައް ބާތިލު ކޮށްފައި ވާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.

އެޗްޑީސީން ވަނީ ތިލަފުށީގައި ބިމުގެ ޖާގަ ހުރި މިންވަރަށް ބަލައި، އަދި ތިލަފުށީގެ މާސްޓަ ޕްލޭނާއި ހެދިފައިވާ އުސޫލުތަކަށް ރިއާޔަތްކޮށް، އޭގައިވާ ގޮތުގެ މަތިން ބިން ކުއްޔަށް ދޫކުރުމަށް ޖުލައި 3 އަދި ޖުލައި 14، 2024 ވަނަ ދުވަހު އިއުލާން ކޮށްފައި ވާކަމަށެވެ.

މީގެ އިތުރުން އެޗްޑީސީން ބުނީ ތިލަފުށީ ބިން ހިއްކުމުގެ މަޝްރޫއަށާއި ތިލަފުށީގެ މާސްޓާ ޕްލޭނަށް ގެނެވިފައިވާ ބަދަލުތަކުގެ ސަބަބުން، ތިލަފުށީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނައުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަކަމަށެވެ. އެހެންކަމުން އެ ކޯޕަރޭޝަނަށް ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކާއި، އެ ކޯޕަރޭޝަނުން އެފަރާތްތަކަށް ފޮނުވާފައިވާ އޮފާތައް ބާތިލު ކޮށްފައި ވާކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހަމައެކަނި ދިވެހިންނަށް ހުޅުވާލައިގެން ތިލަފުށިން ބިން ވިއްކުމަށް ހުޅުވާލިއިރު، ވިޔަފާރީގެ އެކި ބޭނުންތަކަށް ދޫކުރުމަށް ޖުމްލަ 108 ބިން ވިއްކުމަށް މީގެ ކުރިން އެޗްޑީސީން ވަނީ އިއުލާންކޮށްފައެވެ.

ތިލަފުއްޓަކީ މާލެ ސަރަހައްދުގެ ވިޔަފާރި އާއި އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރާ މައި މަރުކަޒެވެ. އެޗްޑީސީން ބުނެފައި ވަނީ ކުރިއަށް އޮތްތަނުގައި އިންޓަނޭޝަނަލް ޕޯޓް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، މުދާ ކްލިއަ ކުރުމާއި ގުދަން ކުރުމަށް އަދި މުދާ މާލެ އާއި ރަށްތަކަށް ސަޕްލައި ކުރުމުގައި ވިޔަފާރިތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.