މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއާ ގުޅިގެން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމްޕީއެލް) ގެ ސްޓޭކްހޯލްޑަރުންގެ ތެރެއިން، ޝިޕިންގް އޭޖެންޓުންނާއި، އެއާލައިން އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވާޑަރުންނާ މިއަދު ބައްދަލުކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި މަޝްވަރާ ބައްދަލުވުމަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅިގެން އެމްޕީއެލްގެ ސްޓޭކްހޯލްޑަރުންނާއެކު ސިލްސިލާކޮށް ބާއްވަމުން އަންނަ މަޝްވަރާތަކުގެ ތެރެއިން ކުރިއަށްދިޔަ މުހިންމު ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަގްސަދަކީ، މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން، އެމްޕީއެލްގެ އެންމެ މުހިންމު އެއް ސްޓޭކްހޯލްޑަރުންތައްް ކަމުގައިވާ ޝިޕިންގް އޭޖެންޓުންނާއި، "ސީ-ޓު-އެއާ ކާގޯ" ގެ ހިދުމަތް ދެމުންދާ އެއާލައިންތަކުގެ އޭޖެންޓުންގެ އިތުރުން، ފްރައިޓް ފޯވާޑަރުންގެ ހިޔާލާއި މަޝްވަރާ ހޯދުން ކަމަށް އެމްޕީއެލް އިން ވަނީ މައުލޫމާތު ދީފައެވެ.
މި ބައްދަލުވުމުގައި ބައިވެރިންވަނީ ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމާއި ގުޅިގެން އޮޕަރޭޝަނަލް ލެވެލްގައި ރަނގަޅު ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އެ ފަރާތްތަކުގެ ތަޖުރިބާގެ އަލީގައި ހިޔާލުތަކެއް ހިއްސާކުރައްވާފައެވެ.
މި މަޝްރޫއާ ގުޅިގެން އެމްޕީއެލް އިން މިހާތަނަށް ވަނީ ސަރުކާރުގެ މިނިސްޓްރީތަކާއި، ކަމާގުޅޭ މުއައްސަސާތަކުގެ އިތުރުން ވިޔަފާރިވެރިންނާއި ވެސް ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އެހެނިހެން ސްޓޭކްހޯލްޑަރުންނާ ބައްދަލުކުރުމަށް ވެސް ވަނީ ރާވާފައެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ މިހާރުގެ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަޝްރޫއެކެވެ. ތިލަފުށީ ބަނދަރު ތަރައްގީކުރެވިގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީއާއި ވަސީލަތްތައް ހިމެނޭ ބަނދަރެއް ގޮތަށެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ޑރ. މުހައްމަދު މުއިއްޒުގެ މުހިންމު އިގްތިސާދީ ވައުދުފުޅެކެވެ. އެގޮތުން މި ބަނދަރު ވެގެންދާނީ ވިޔަފާރިވެރިންނާއި މި ކުންފުނީގެ އެހެނިހެން ސްޓޭކްހޯލްޑަރުންނަށް 24 ގަޑިއިރު ހިދުމަތް ދެވޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެފައިވާ ތަނަކަށެވެ. އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު ހިދުމަތަށް ހުޅުވުމަށް އަމާޒު ހިފާފައިވާ މި ބަނދަރު ވެގެންދާނީ، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކުރެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕާޕަސް ބަނދަރަކަށެވެ.
