ނ. ފޮއްދޫ ކައިރީގައި ހިމާޔަތްކޮށްފައި އޮންނަ ފޮއްދިއްޕަރުފަޅުގެ ނަފާ އެ ރަށުގެ ކައުންސިލަށް ލިބޭނެ ގޮތަށް ކަންކަން ހަމަޖެއްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މިލަދުންމަޑުލު ދެކުނުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ނ. ފޮއްދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

ނ. ފޮއްދޫގެ ރައްޔިތުންނާ ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެފަޅަކީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވާރަމަންޓުން ހިމާޔަތްކޮށްފައިވާ މުހިންމު ތަނަކަށް ވާތީ، މިނިސްޓްރީ އާއި ކައުންސިލް ގުޅިގެން ހަދާ މެނޭޖުމަންޓް ޕްލޭނެއްގެ ދަށުން އެފަޅު ބަލަހައްޓާ އަދި އެފަޅުން ކައުންސިލަށް އާމްދަނީ ލިބޭނެ ނިޒާމެއް އެގްރިމަންޓެއްގެ ދަށުން ހަމަޖައްސަވައި ދެއްވާނެ ކަމަށެވެ.

އެ ރަށުގެ ތަރައްގީއަށްޓަކައި މިއަދު ފެށި ބައެއް މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވައި ލައްވައި، ރައްޔިތުން އެދޭ ފަދައިން އެ މަޝްރޫއުތައް ނިމިގެންދާނެ ކަމުގެ ޔަގީންކަން ރައީސް މިއަދު ވަނީ ދެއްވާފައެވެ. އެގޮތުން ފޮއްދޫގެ ރައްޔިތުންގެ 40 އަހަރުގެ ދިގު އުންމީދެއް ކަމަށްވާ، ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. މީގެ އިތުރުން ފޮއްދޫގައި އިމާރާތްކުރާ ޕޮލިސް ޕޯސްޓްގެ ބިންގާ އަޅައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ ވެސް މިއަދު ވަނީ އަޅާފައެވެ.

މީގެ އިތުރުން ރައްޔިތުން އެދިވަޑައިގަންނަވާ ފަދައިން، ޑޮކްޓަރީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ކަންކަން ހަމަޖައްސަވައި ދެއްވައި، ސިއްހީ މަރުކަޒުގެ އާ އިމާރާތް ނިމޭ އިރު، ލެބޯޓްރީގެ ހިދުމަތް އިތުރުކޮށް ސިއްހީ ދާއިރާއަށް ބޭނުންވާ ކަންކަން އިތުރަށް ފުރިހަމަވެ ކައިރި ހޮސްޕިޓަލްތަކަށް ދާންޖެހުން މަދުވެގެންދާނެ ގޮތަށް ކަންކަން ފުރިހަމަކޮށް ދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އަދި އެމަނިފާނު ދެން ފޮއްދޫއަށް ވަޑައިގަންނަވާނީ މިއަދު ފެށި މަޝްރޫއުތައް ނިމި އެކަންކަމުގެ އުފަލުގައި ރައްޔިތުންނާއިއެކު ބައިވެރިވެވަޑައިގަތުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ފޮއްދިއްޕަރުފަޅުން ލިބޭ ނަފާ ފޮއްދޫ ކައުންސިލަށް ލިބޭނެ ގޮތަށް ހަމަޖައްސަވާނެ ކަމަށް ރައިސް މިއަދު ވިދާޅުވެފައިވާ އިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭ ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ވެސް ވަނީ ފޮއްދިއްޕަރުފަޅުން ލިބޭ ނަފާ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.