ރާއްޖޭގެ ދަރަނިތައް ދެއްކުމުގައި ދަތި ނުވާނެ ގޮތަށް ރިޔާސީ އިންތިހާބުގައި ވެވަޑައިގެން ވައުދުތައް ފުއްދުމަށް ކުރިއަށް އޮތް ދެ އަހަރުތެރޭ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ފަށައި އެ ވައުދުތައް ފުއްދަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ކެނދިކުޅުދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަކީ އެމަނިކުފާނު އިސްކަމެއް ދީގެން ކުރައްވާނެ ކަމެއް ކަމަށާއި މި އަހަރާއި މި އަންނަ އަހަރު، މި ދެ އަހަރު ތެރޭ މި ރަށަށް އެމަނިކޔފާނު ވެވަޑަިއގެން ވައުދުފުޅުތައް ފައްތާވާނެ ކަމަށެވެ.

ޖުމްލަކޮށް ރާއްޖޭގެ ހުރިހާ ރަށަކަށް އެމަނިކުފާނު ވެވަޑައިގެން ވައުދުފުޅުތައް މި ދެއަހަރުތެރޭ ފައްޓަވާނެ ކަމަށާއި އެ ވައުދުތައް ފުއްދަވައިދެއްވާނެ ކަމަށް ރައިސް ވިދާޅުވިއެވެ. މި ވައުދުތައް ފިއްދަވާ އިރު، ދަރަނިތައް ދެއްކުމަށް ދަތި ނުވާނެ ގޮތަށް މަސައްކަތްތައް ކުރިއަށް ގެންދަވަން ނިންމަވާފައިވަ ކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުން ކެނދިކުޅުދޫގައި ބަހުގެ ހިދުމަތް ފެށުންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ، އެ ހިދުމަތް ރައްޔިތުންނާއި ސްކޫލް ކުދިން އެދޭގޮތަށް ފޯރުކޮށްދެއްވާނެ ކަމަށެވެ. އަދި އެ ހިދުމަތް 2 ބަހުން ފެށި ނަމަވެސް ކުރިއަށް އޮތް ތަނުގައި ހިދުމަތް އިތުރަށް ފުޅާކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު ކެނދިކުޅުދޫ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމް މަޝްރޫއު ވަރަށް ބާރަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށާއި ސިއްހީ މަރުކަޒަށް މުވައްޒަފުން އިތުކުރުމަށް ހުއްދަ ދީފައިވާ ކަމަށާއި، އިތުރަށް ވެސް ހިދުމަތް ފުޅާކުރުމަށް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން އެމްބިއުލާންސްގެ ހިދުމަތް ފުޅާކޮށް، ސިއްހީ ހިދުމަތް ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ރަށުގައި ރެކްރިއޭޝަން ސެންޓަރެއް ގާއިމްކޮށް، ހަލާކުވެފައިވާ ދަނޑު މަރާމާތުކޮށް، ކުޅިވަރުގެ އިތުރު ވަސީލަތްތައްވެސް ގާއިމްކޮށް ދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނުނިމިއޮތް ފެނާއި ނަރުދަމާގެ މަޝްރޫއަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ދެމަހެއްހާ ދުވަހުގެ ތެރޭގައި އެ މަޝްރޫއު ވެސް ނިމޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި މަގު ހެދުމުގެ މަޝްރޫއުގެ އީއައިއޭ ނިމިފައިވާތީ މާ ލަސްތަކެއްނުވެ އެ މަޝްރުއު ވެސް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.