ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ވަގުތުގެ އިނާޔަތް އެއްވެސް މިންވަރަކަށް އުނި ނުވާނެ ފަދައިން ހަމައަށް ދިނުމަށް މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަން އިން ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން އެ ޔޫނިއަން އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ދައުލަތުގެ އާ ޕޭ ފްރޭމްވޯކުގެ ދަށުން އިތުރު ގަޑީގެ ގޮތުގައި ދެވޭނީ މުސާރައިގެ 10 އިންސައްތަ ކަމުގައި ބަޔާންކޮށްފައިވީ ނަމަވެސް، މަސައްކަތްތެރިން ލައްވާ ރަސްމީ މަސައްކަތު ގަޑީގެ އިތުރަށް އެތައް ވަގުތެއް މަސައްކަތުގައި ހޭދަކުރުވާ ކަމަށާއި އެ ހުރިހާ ވަގުތަކަށް އިތުރު ގަޑީގެ ފައިސާ ހަމައަށް ދޭން ޖެހޭނެ ކަމަށެވެ.

މީގެއިތުރުން އެ ޔޫނިއަންގެ ފަރާތުން ބުނީ ރައްކާތެރި ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް އެކަށީގެންވާ މިންވަރަށް ހުރިހާ ދާއިރާތަކަށްވެސް މަސައްކަތްތެރިން ހަމަ ކޮށްދިނުމަށްވެސް އެދިފައިވާ ކަމަށާއި، އިދާރީ އަދި ސަޕޯޓު ގިންތީގެ މަސައްކަތްތެރިންގެ އާ ވަޒީފާގެ އޮނިގަނޑުތައް ލަސްނުކޮށް ތަންފީޒުކޮށްދިނުމަށްވެސް އެދިފައިވާކަމަށެވެ. އަދި ސިއްހީ ދާއިރާގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިން ދައުލަތުގެ އާ ޕޭ ފްރޭމްވޯކަށް ބަދަލުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

ހެލްތް ޔޫނިއަނުން ބުނީ މި ކަންކަން ބަޔާންކޮށް، ސިއްހީ ހިދުމަތްތެރިންނަށާއި އެ ފަރާތްތަކުގެ އާއިލާތަކުގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް އެދި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރަށް ސިޓީއެއްވެސް ހުށަހަޅާފައިވާ ކަމަށެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ތައުލީމީ ދާއިރާ އާއި ސިއްހީ ހިދުމަތުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އިތުރު ވަގުތުގެ އިނާޔަތް ނުލިބޭ ގޮތަށް ގިނަ ވަގުތުތަކެއް މަސައްކަތުގައި ހޭދަކުރަމުން ދިއުމުގެ ސަބަބުން ދިމާވާ ދަތިތައް ހައްލުކޮށް އިތުރު ވަގުތުގެ އިނާޔަތް ދިނުމާ ގުޅޭ އުސޫލުތައް މުރާޖައާކުރުމާ މެދު މެންބަރުންގެ ހިޔާލު ހޯދުމަށް ގަރާރެއްވެސް ވަނީ މަޖިލީހަށް ހުށަހަޅާފައެވެ.

އެ ގަރާރުގައި ވަނީ ސިއްހީ ދާއިރާގައި އާންމުންނަށް ހިދުމަތްދިނުމަށް އެކަށީގެންވާ ވަރަށް ސިއްހީ ހިދުމަތްތެރިން ނެތުމުގެ ސަބަބުން ގިނަ ސިއްހީ މަސައްކަތްތެރިން މަސައްކަތުގައި އިތުރު ވަގުތު ހޭދަކުރަން ޖެހިފައިވާ ކަމަށާއި، ނަމަވެސް އެ ހުރިހާ ވަގުތަކަށް އެކަށީގެންވާ މިންވަރަށް އިތުރު ގަޑީގެ ފައިސާ ނުލިބޭ ކަމަށެވެ. އެގޮތުން ޕޭ ފްރޭމްވޯކްގައި ކަނޑައަޅާފައިވާ ވަގުތަށް ވުރެ އިތުރު ވަގުތުގައި މަސައްކަތްކުރުވަން ޖެހޭ ހާލަތުގައި އިތުރު ގަޑީގެ ފައިސާ ލިބިދެވޭނެ އިސްތިސްނާ އުސޫލެއް ކަނޑައެޅިފައި އޮންނަން ޖެހޭކަމަށް އެ ގަރާރުގައި ވަނީ ބުނެފައެވެ.

މިއީ ގިނަ ސިއްހީ ހިދުމަތްތެރިންގެ ބޮޑު ކަންބޮޑުވުމަކަށްވެފައި އޮތް މައްސަލައަކަށްވާއިރު، މިކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ސިއްހީ ހިދުމަތްތެރިން ދަނީ ގޮވާލަމުންނެވެ.