'ކާންޓާ ލަގާ' އިން ބޮޑު މަޝްހޫރުކަމެއް ހޯދި އިންޑިއާގެ މޮޑެލް އަދި ބަތަލާ ޝެފާލީ ޖާރިވާލާ ކުއްލި ގޮތަކަށް މަރުވެއްޖެއެވެ.
ބޭރުގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ ރޭ ކުއްލި ގޮތަކަށް ހަބަރު ހުސްވުމުން ފިރިމީހާ ޕަރާގް އާއި އިތުރު ދެ މީހަކުވެގެން އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ޝެފާލީ މަރުވެފައިވާ ކަަމަށް ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ވަނީ ބުނެފައެވެ. ޝެފާލީ މަރުވެފައި ވަނީ ހާޓް އެޓޭކެއް ޖެހިގެންކަމަށް ހޮސްޕިޓަލުން ބުނެފައިވީ ނަމަވެސް އޭނާގެ މަރާއި ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ހާމަކުރެވެން ނެތްކަމަށް ވަނީ ބުނެފައެވެ.
ޝެފާލީގެ ކުއްލި މަރާއެކު ފިލްމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި އޭނާގެ ފޭނުންނަށްވެސް ޝޮކެއް ލިބިފައިވާއިރު މީގެ 10 މަސްކުރިން އޭނާ ދިން އިންޓަވިއުއެއްވެސް ވަނީ ސޯޝަލް މީޑިއާގައި ވައިރަލްވެފައެވެ. "މުޅި ދުނިޔޭގައި ވެސް ކާންޓާ ލާގާ ގެ ނަމުން މަޝްހޫރު އެންމެ މީހަކު ހުންނާނީ. އެއީ އަހަރެން... އަހަރެން މަރުވަންދެން ވެސް ބޭނުންވަނީ ކާންޓާ ލާގާ ގާލްގެ ނަމުން މަޝްހޫރުވެގެން ހުންނަން" އެ އިންޓަވިއުގައި އޭނާ ބުނެފައިވެއެވެ.
ކަލަސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯ 'ބިގް ބޮސް' 13 ވަނަ ސީޒަނުން ފެނުނު ޝެފާލީ ވަނީ ސްޓާ ޕްލަސްއިން ގެނެސްދިން ޑާންސް ޝޯ 'ނަޗް ބަލިޔޭ 5'ގައި ފިރިމީހާ ޕަރަގް ތިޔާގީއާ އެކު ފެނިގެން ގޮސްފައެވެ.
ޝެފާލީ އެންމެފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ މިދިޔަ އަހަރު ސްޓާ ބާރަތުއިން ގެނެސްދިން ރޮމޭންޓިކް ހޮރޯ ފެންޓަސީ ޑްރާމާ "ޝައިތާނީ ރަސްމޭ" ކިޔާ ސީރީސްއަކުންނެވެ.