މިދިޔަ އެޕްރީލްމަހު އެކަނިވެސް ކުޑަކުދިންނާ ގުޅުން ހުރި 257 މައްސަލަ ހުށަހަޅާފައި ވާކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ މިނިސްޓްރީން މިއަދު އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެންމެ ގިނައިން ހުށަހަޅާފައިވަނީ އެކި ގޮތްގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލައެވެ. އެގޮތުން އެޕްރީލްމަހު 98 މައްސަލަ ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 21 މައްސަލައަކީ ކުދިންނަށް ޖިންސީ ފުރައްސާރަ ކުރުމުގެ މައްސަލައެވެ. މީގެ އިތުރުން ޖިސްމާނީ ގޮތުން ކުރާ އަނިޔާގެ 18 މައްސަލަ ހުށަހަޅާފައި ވާއިރު ސައިބާ ގްރޫމިންގެ 12 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ބުލީ ކުރުމާއި ބްލެކްމެއިލް ކުރުން ފަދަ އިތުރު މައްސަލަތައްވެސް ހުށަހަޅާފައި ވެއެވެ.

މީގެ އިތުރުން ހުށަހަޅާފައިވާ އިތުރު މައްސަލަތަކަށް ބަލާއިރު އަމިއްލަ ނަފްސަށް އަނިޔާ ދިނުމާއި އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުގެ 35 މައްސަލަ ހުށަހަޅާފައި ވެއެވެ. އަދި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 44 މައްސަލަ ހުށަހަޅާފައި ވާއިރު އޭގެ ތެރެއިން 24 މައްސަލައަކީ ޖިސްމާނީ ގޮތުން އަނިޔާ ދިނުމުގެ މައްސަލައެވެ. ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަ ބަހުން ކުރެވޭ އަނިޔާގެ 8 މައްސަލަ ހުށަހަޅާފައިވާއިރު ރޭޕް ކުރުމުގެ ދެ މައްސަލައެއް ވެސް ހުށަހަޅާފައިވެއެވެ.

އެޕްރީލް މަހު އާއިލީ މައްސަލަތަކާއި ގުޅުންހުރި 32 މައްސަލައެއް ހުށަހަޅާފައި ވާއިރު ކުދިންގެ އަހްލާގާ ގުޅޭ 21 މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި ކުދިންނަށް އިހްމާލުވުމުގެ 06 މައްސަލައެއް ހުށަހަޅާފައިވާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 15 މައްސަލައެއް ހުށަހަޅާފައިވެއެވެ.