ނ. އަތޮޅު ހޮސްޕިޓަލަށް ފަރުވާއެއް ގެންދިޔަ އުމުރުން 5 މަހުގެ ތުއްތު ކުއްޖަކު ނިޔާވީ އެ ހޮސްޕިޓަލުގެ އިހުމާލުން ކަމަށް ކުއްޖާގެ ބައްޕަ ބުނެފިއެވެ.

މިއަދު ހިނގާދިޔަ މި ހާދިސާއާއި ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެމުން ކުއްޖާގެ ބައްޕަ ބުނީ އެ ކުއްޖާ ނ. އަތޮޅު ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭ ދަންވަރު 2 ޖަހާކަންހާއިރު ކަމަށާއި ދަންވަރު ކުއްޖާގެ އެކްސްރޭއެއް ހޮސްޕިޓަލުން ނަގާފައިވާކަމަށެވެ. ނަމަވެސް އެކްސްރޭ ނެގިކަންވެސް ނާންގާ ކަމަށާއި، އެކްސްރޭ ދެއްކީވެސް ކުއްޖާގެ ހާލަތު މާ ގޯސްވިފަހުން ކަމަށް ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ.

އޭގެ ފަހުން ފަތިސް ވަގުތު ކުއްޖާގެ ހާޓް އެންލާޖްވެފައި ވާކަމަށް ހޮސްޕިޓަލުން ބުނި ކަމަށާއި، އެވަގުތު އެއާ އެމްބިއުލެންސް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ހޮސްޕިޓަލުން ބުނި ކަމަށް ވެސް ކުއްޖާގެ ބައްޕަ ބުންޏެވެ.

އެމީހުން އެހެން ބުނިތާ 1 ގަޑީރު ފަހުން އަޅުގަނޑު އަނެއްކާވެސް މި ދިޔައީ ކައުންޓާއަށް އަޕްޑޭޓެއް ބަލަން. ދިޔައީމަ ދެން ބުނީ ކުއްޖާގެ އައިޑީކާޑުވެސް ގެންނަން. މީތޯ ކަންކުރަން ޖެހޭ ގޮތަކީ؟
ކުއްޖާގެ ބައްޕަ

އެއަށްފަހު އާސަންދަ ހަމަޖެއްސުމުގެ މަސައްކަތް ކުރާކަމަށް ބުނި ކަމަށާއި، ފަހުން ޑޮމެސްޓިކް ފްލައިޓެއްގައި މާލެ ގެންދަން އުޅޭ ކަމަށް ބުނި ކަމަށްވެސް ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ. ކުއްޖާގެ ބައްޕަ ބުނި ގޮތުގައި މިގޮތަށް މާލެ ނުގެންދެވި ލަސްވާތީ ކުއްޖާގެ ހާލަތު ދެރަވާކަމަށް ނަރުހުންގެ ގާތުގައި ބުނުމުން އެއީ ކުއްޖާ ރޮއެ ރޮއެ ވަރުބަލިވެފައިވާތީ ކަމަށް ބުނެ ޖަވާބު ދިން ކަމަށްވެސް ބުންޏެވެ.

އެއާއެކު އެމްޕީ އަށް ގުޅި ކަމަށާއި އެމްޕީ އާ އެކަ ް ހިއްސާކުރުމުން ފްލައިޓު ހަމަޖެއްސުމުގެ މަސައްކަތް ކުރެއްވި ކަމަށްވެސް ކުއްޖާގެ ބައްޕަ ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވީ ނ. އަތޮޅު ހޮސްޕިޓަލުން ކުއްޖާއަށް ދޭނެ އިތުރު ފަރުވާއެއް ނެތް ކަމަށް ބުނީ ވެސް މާ ލަހުން ކަމަށެވެ. ނ. އަތޮޅު ހޮސްޕިޓުން ޑޮކްޓަރުގެ ލިޔުން ފޮނުވުމާއެކުވެސް ޑޮމެސްޓިކް ފްލައިޓު ހަމަޖައްސަން ބުނި ކަމަށާއި، ތަކުރާރުކޮށް ކުއްޖާގެ ހާލަތު ދަށްވާ ކަމަށްބުނެ އެއާ އެމްބިއުލެންސް ހަމަޖެއްސި އިރު އޮތީ ފުރާނަ ނެތް މަސްގަނޑުކަަމަށްވެސް އެމްޕީ އައްބާސް ވަނީ ވިދާޅުވެފައެވެ.

މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ އައްބާސް ވަނީ އިހުމާލުވި ފަރާތްތަކ މެދު ވަގުތުން ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.

ނަމަވެސް މި ހާދިސާއާއި ގުޅިގެން "ދަ ޕްރެސް" ނޫހަށް މައުލޫމާތު ދެމުން ނ. އަތޮޅު ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ގޯސްވުމާ ގުޅިގެން ވެލިދޫ ސިއްހީ މަރުކަޒުން، ނ. އަތޮޅު ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭ ދަންވަރު 2:50 ހާއިރު ކަމަށެވެ. ކުއްޖާއަށް ފަރުވާދިން ޑޮކްޓަރާ ހަވާލާދީ ހޮސްޕިޓަލުން ބުނީ ތުއްތުކުއްޖާގެ ހިތުގެ ހިނގުން އަވަސްވެފައިވީ ނަމަވެސް އޮކްސިޖަން ލެވެލް އަދި މި ނޫން އެހެން ސިއްހީ ކަންކަންވެސް ނޯމަލް ކަމަށެވެ.

މި ކޭހާ ގުޅިގެން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ މަޝްވަރާކުރެވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ނިންމީ މިއަދު ހެނދުނު 9:20 ހާއިރުކަމަށާއި، ކުއްޖާ މާލެ ގެންދިއުމަށް އާސަންދަ ހަމަޖެހުނީ 10:38 ގައިކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިއަދު މެންދުރު ފަހު 13:45 ގައި ކުއްޖާ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން ހަމަޖެހުނު ނަމަވެސް 12:35 ގައި ކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.