ނ.އަތޮޅު ހޮސްޕިޓަލަށް ފަރުވާއެއް ގެންދިޔަ ކުއްޖަކު ނިޔާވި ހާދިސާގައި، ކުއްޖާއަށް ފަރުވާ ދިނުމުގައި ލަސްވެފައި ނުވާކަމަށް ނ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

މި ހާދިސާއާއި ގުޅިގެން ސޯޝަލް މީޑިއާގައި މީހަކު ލިޔެފައިވާ ޕޯސްޓެއްގައިވަނި ނ.އަތޮޅު ހޮސްޕިޓަލަށް ފަރުވާއަށް ގެންދިޔަ 5 މަހުގެ ތުއްތު ކުއްޖަކަށް ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ބުނެ، އިތުރު ފަރުވާއަށް މާލެއަށް ފޮނުވުމަށް އެ ހޮސްޕިޓަލުގެ ޑޮކްޓަރު އެދުމުންވެސް ޑޮމެސްޓިކް ފްލައިޓުން މާލެ ފޮނުވުމަށް ތަކުރާރުކޮށް ބުނެފައިވާކަމަށެވެ. އަދި ކުއްޖާގެ ހާލު ވަރަށް ސީރިއަސްކަމަށާއި އެއާ އެމްބިއުލާންސްގައި ކުއްޖާ މާލެ ފޮނުވުމަށް ހޮސްޕިޓަލުގެ ޑޮކްޓަރުން ތަކުރާރުކޮށް އެދުނުކަމަށް މި ޕޯސްޓުގައި ބުނެފައެވެ. އަދި ކުއްޖާއަށް 24 ގަޑިއިރު ފަރުވާ ނުދެވި ލަސްވެ، ކުއްޖާ ނިޔާވެފައިވާއިރު ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

މި ކަންބޮޑުވުންތަކާއި ގުޅިގެން ' ދަ ޕްރެސް' ނޫހަށް މައުލޫމާތު ދެމުން ނ.އަތޮޅު ހޮސްޕިޓަލުން ބުނީ ކުއްޖާގެ ހާލު ގޯސްވުމާއި ގުޅިގެން ވެލިދޫ ސިއްހާ މަރުކަޒުން، ނ.އަތޮޅު ހޮސްޕިޓަލަށް ގެނެސްފައިވަނީ ރޭ ދަންވަރު 2:50 ހާއިރިކަމަށެވެ. ކުއްޖާއަށް ފަރުވާދިން ޑޮކްޓަރާއި ހަވާލާދީ ހޮސްޕިޓަލުން ބުނީ ތުއްތުކުއްޖާގެ ހިތުގެ ހިނގުން އަވަސްވެފައިވީ ނަމަވެސް އޮކްސިޖަން ލެވެލް އަދި މި ނޫން އެހެން ސިއްހީ ކަންކަންވެސް ނޯމަލް ކަމަށެވެ.

މި ކޭހާއި ގުޅިގެން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާއި މަޝްވަރާކުރެވި ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުމަށް ނިންމީ މިއަދު ހެނދުނު 9:20 ހާއިރުކަމަށެވެ. އަދި ކުއްޖާ މާލެ ގެންދިއުމަށް އާސަންދަ ހަމަޖެހުނީ 10:38 ގައިކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ. މިއަދު މެންދުރު ފަހު 13:45 ގައި ކުއްޖާ އެއާ އެމްބިއުލާންސްގައި މާލެ ފޮނުވަން ހަމަޖެހުނުނ ނަމަވެސް 12:35 ގައި ކުއްޖާ ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

މި ހާދިސާއާއި ގުޅިގެން އާއިލާއިން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު، މި ހާދިސާއާއި ގުޅިގެން ކުއްޖާއަށް ފަރުވާ ދިނުން ލަސްވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވާހަކަތައް ހޮސްޕިޓަލުން ވަނީ ދޮގުކޮށްފައެވެ.