އޭޕްރީލް 18 ވަނަ ދުވަހު ހ. މިޓާޒްގޭގެ ފުރާޅު މައްޗަށް އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ވެއްޓުނު ހާދިސާ އާ ގުޅިގެން ހައްޔަރު ކުރި އުމުރުން 21 އަހަރުގެ ރައުދު އަހްމަދު ޒިލާލް ބަންދުން ދޫކޮށްލައިފިއެވެ.

ރައުދު ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު އޭނާގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފްކޮށްފައެވެ. އަދި މިއަދު މެންދުރުފަހަށް އަޑުއެހުމެއް ތާވަލްކޮށްފައި ވަނިކޮށް އިސްތިއުނާފު ބާތިލުކުރުމަށް ރައުދުގެ ފަރާތުން ހުށަހެޅުމުން އެ މައްސަލަ ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ހައިކޯޓުގެ ދައުވާ ފޯމު ބާތިލުކުރި ރިޕޯޓްގައި ބަޔާންކޮށްފައި ވަނީ ފުލުހުންގެ ބަންދުގައި ހުރި ރައުދު މިއަދު ހެނދުނުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އެހެންކަމުން އިސްތިއުނާފު ބާތިލުކުރުމަށް ރައުދުގެ ފަރާތުން ހުށަހެޅުމާ ގުޅިގެން އިސްތިއުނާފު ބާތިލްކޮށްފައިވާ ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން މިދިޔަ މަހުގެ 24 ވަނަ ދުވަހު ހައްޔަރު ކުރި ރައުދުގެ ބަންދު 4 ފަހަރެއްގެ މަތިން އިތުރުކޮށްފައިވެއެވެ. ރައުދުގެ ބަންދަށް ފުރަތަމަ ޖަހާފައި ވަނީ 5 ދުވަހެވެ.

ރައުދުގެ ބަންދަށް ފުރަތަމަ ޖެހި 5 ދުވަހުގެ މުއްދަތު ހަމަވުމާއެކު އޭނާގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އިތުރު 10 ދުވަހަށް ބަންދު ކުރުމަށްފަހު އެ މުއްދަތު ހަމަވުމުން ކޯޓުން ވަނީ އިތުރު 5 ދުވަހަށް އޭނާ ބަންދު ކުރުމަށް އަމުރުކޮށްފައެވެ.

އެ މުއްދަތު ވެސް ހަމަވުމާއެކު ރަައުދުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރުމުން އޭނާ އިތުރު 20 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.