ލީވުޑްގެ މަޝްހޫރު ކޮމެޑީ ފިލްމު ސީރީޒް "ހީރާ ޕޭރީ"ގެ ތިންވަނަ ބައިގެ ހަބަރާއި އެކު ފޭނުން މި ފިލްމު ބެލުމަށް ކެތްމެދުވެފައިވީ ނަމަވެސް ފިލްމުގެ މަސައްކަތް ފެށުމުގެ ކުރިން، ގިނަ ގޮންޖެހުންތަކާއި ހިޔާލު ތަފާތުވުންތަކެއް ވަނީ ކުރިމަތިވެފައެވެ. އެގޮތުން މި ފިލްމުގެ ކުރީ ބައިތަކުގައި އެންމެ މުހިއްމު އެއް ރޯލުން ފެނިގެންދިޔަ ލީޑު އެކްޓަރުންގެ ތެރޭގައި ހިމެނޭ ޕަރޭޝް ރާވަލް، މި ފިލްމު ނުކުޅެން ނިންމުމާ ގުޅިގެން ގިނަ މައްސަލަތަކެއްވަނީ އުފެދިގެން ގޮސްފައެވެ،
މި ފިލްމު ނުކުޅޭނެކަން ހާމަކޮށް ޕަރޭޝް ނެރުނު ބަޔާނެއްގައި ބުނީ މިއީ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދާނެ ހަބަރެއްކަން އެގޭކަމަށެވެ. މި ފިލްމުގެ ޑައިރެކްޓަރު ޕްރިޔަދަރްޝަން ގެ ކުޅަދާނަކަމާއެކު އެކްޝޭ އަދި ސުނިލްއާއި އެކު ކުރީގެ ފިލްމުތަކުގައި ވަރަށް ރަނގަޅު ކޮމްބިނޭޝަނެއް ދެއްކިފައިވާކަން ފާހަގަކޮށް ޕަރޭޝް ބުނީ އެހެންނަމަވެސް މިހާރު އޭނާއަކީ އެ ފިލްމުގެ ހިއްސާއެއްކަމަށް ގަބޫލުނުކުރާކަމަށެވެ. އަދި އެއްވެސް މީހަކަށް މުސްތަގުބަލުގައިވާނެ ގޮތެއް ނޭގޭ ކަމަށް ޕަރޭޝް ބުނެފައިވާއިރު، މި ފިލްމު ދޫކޮށްލި ސީދާ ސަބަބު އޭނާ ހާމަކޮށްފައެއް ނުވެއެވެ.
ޕަރޭޝްގެ މި ނިންމުމާއި ގުޅިގެން މައްސަލަ ހޫނުވެފައިވާއިރު، އެންމެ ފަހުން މި ފިލްމުގެ އެއް ޕްރޮޑިއުސަރު އަކްޝޭ ވަނީ އޭނާއާ ދެކޮޅަށް ދައުވާކުރަން ނިންމާފައެވެ. އިންޑިއާގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން އެއްވެސް މަޝްވަރާއެއް ކުރުމަކާ ނުލައި ޕަރޭޝް އެ ފިލްމު ދޫކޮށްލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އަކްޝޭ މިހާރު ވަނީ ޕަރޭޝްގެ މައްޗަށް ދައުވާކުރަން ނިންމައި ނޯޓިސް ފޮނުވާފައެވެ. އަދި އެ ފިލްމު ކުޅެން ހެދި ކޮންޓްރެކްޓާ ޕަރޭޝް ހިލާފުވެފައި ވާތީ ބަދަލުގެ ގޮތުގައި 25 ކްރޯޑް ރުޕީސް ނަގައިދޭން އަކްޝޭ ވަނީ ކޯޓުގައި އެދިފައެވެ.
މި ފިލްމުގެ ޑައިރެކްޓަރު ޕްރިޔަދަރްޝަން މީޑިއާ އަށް މައުލޫމާތު ދެމުން ބުނީ ޕަރޭޝްގެ އެ ނިންމުމުގެ ސަބަބުން ހައިރާންކަން ލިބިފައިވާކަމަށާއި، ހީރާ ޕޭރީގެ ތިންވަނަ ބައި އޭނާ ނުކުޅެން ނިންމި ސަބަބު އެއްގޮތަކަށްވެސް ސާފުވެފައި ނުވާކަމަށެވެ.