މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ ސާވާއަކަށް ދިމާވި މައްސަލައެއް ހައްލުކުރަން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިހެން ބުނެފައި ވަނީ ބްރޮޑްކޮމްއާ ގުޅޭ މައްސަލައެއް ތަހުގީގުކުރަން ފުލުހުން އެ ކޮމިޝަނަށް ވަދެއްޖެ ކަމަށް ބުނެ އަޑު ފެތުރުމާ ގުޅިގެންނެވެ.

އެކަން ދޮގުކޮށް ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެ އިދާރާގެ ޓެކްނީޝަނުންގެ ޓީމެއް އެ ކޮމިޝަނަށް ދިޔައީ އެތަނުގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކޮށްދޭން އެހީތެރިކަމަށް އެދުމުން ކަމަށެވެ.

"ބްރޮޑްކޮމްގެ ސާވާއަށް ދިމާވި މައްސަލައެއް ހައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އެތަނުގެ އޮފީހަށް، ބްރޮޑްކޮމްގެ ރިކުއެސްޓަކަށް ފުލުހުންގެ ޑިޖިޓަލް ޑާޓާ ޓެކްނީޝަނުން މިއަދު ވަދެފައިވޭ، ވަދެފައި ވަނީ މައްސަލައަކާ ގުޅިގެނެއް ނޫން." ފުލުހުންގެ މެސެޖުގައި ވެއެވެ.

ބްރޯޑްކޮމް އާއި ގުޅިގެން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު އެ ކޮމިޝަންގެ މެންބަރުން ކަންތައްކުރާ ގޮތާއި މެދު ހިތްހަމަނުޖެހިގެން، މަސައްކަތް ހުއްޓާލުމަަށްފަހު މިއަދު ވަނީ ގެއަށްވެސް ގޮސްފައެވެ. މީގެ އިތުރުން ބްރޮޑްކޮމްގެ މުވައްޒަފުންގެ މަސައްކަތަތަކަށް އެތަނުގެ ރައީސް ސޮފާ ޝަފީގު އާއި މެންބަރުން ހުރަސް އަޅަމުންދާކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއްވެސް ހުށަހަޅާފައި ވެއެވެ.

ބްރޯޑްކޮމްގެ 18 މުވައްޒަފުންގެ ސޮޔާއެކު މަޖިލީހަށް އެ ޕެޓިޝަން ހުށަހަޅާފައި ވަނީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)އެވެ.

ޕެޓިޝަންގައި ބުނެފައި ވަނީ ކޮމިޝަނުގެ ރައީސްގެ ފަރާތުންނާއި ބައެއް މެންބަރުންގެ ފަރާތުން އެ ކޮމިޝަނުގެ އިދާރީ ހިންގުމުގެ ހުރިހާ ކަންކަމަށް، ވަކި ހައްދެއް ހުދޫދެއް ނެތި، އިދާރީ އޮނިގަނޑަށް އިހްތިރާމް ކުރުމެއް ނެތި، ސެކްރެޓަރީ ޖެނެރަލާއި ޑިރެކްޓަރުންގެ ވާޖިބުތަކަށް ހުރަސް އަޅަމުންދާ ކަމަށެވެ.