ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުންތަކަށް ހައްލު ހޯދަން، އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އާ، އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ މަޝްވަރާކުރައްވައިފިއެވެ.
މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި "އަހާ" ފޯރަމްގައި، ވާލާއި ކާޅުގެ އުނދަގޫވާ ކަމަށް ބުނެ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ އެ ތަކެތި މަރަން ބޭނުން ނުވާ ކަމަށާއި އެއާއެކު އުޅެން ދަސްކުރަން ޖެހޭކަމަށެވެ. މިނިސްޓަރުގެ މި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް ވަނި އަމާޒުވެފައެވެ. އަދި މިނިސްޓްރީން މިކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ނުކުރުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.
ވާލާއި ކާޅު ފަދަ ދިރޭތަކެތީގެ ސަބަބުން ދިމާވާ މައްސަލަތަކަށް ހައްލެއް ހޯދުމަށް މިނިސްޓްރީން މިއަދު އީޕީއޭއާ އެކު ބައްދަލުވުމެއް ބާއްވާފައިވާއިރު މި ބައްދަލުވުމުގައި ކާޅާއި ވާލުގެ އުނދަގުލުން ދަނޑުތައް ސަލާމަތްކުރުމާއި އެ ތަކެތި މެނޭޖުކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.
އެ ބައްދަލުވުމުގައި އީޕީއޭ އިން ބުނީ ވާލާއި ކާޅުގެ އަދަދު ދެނެގަތުމަށް ފަހު އެތަކެތި ބަަލަހައްޓަން އެންމެ ރަނގަޅު ގޮތަކީ ކޮބައިކަން ދެނެގަންނާނެ ކަމަށެވެ. އަދި ވާލާއި ކާޅުގެ އުނދަގޫބޮޑުވެ، އެހެން ގޮތެއް ނެތް ނަމަ މެރުމަށް އީޕީއޭއިން ވަނީ ލަފާދީފައެވެ.