ހުޅުމާލޭގައި އެސްޓީއޯ އިން ހުޅުވާފައިވާ ސްމާޓް ސްޓޯ، ފާމަސީއަކަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރޭ އެސްޓީއޯގެ އަހަރީ އާންމު ޖަލްސާގައި ޝިމާދު ވިދާޅުވީ ހުޅުމާލޭގައި މިހާރަށް ވުރެ ރަނގަޅަށް ބޭސް ފޯރުކޮށްދިނުމަށްޓަކާ ކުރިއަށް އޮތް ދެ ހަފުތާގެ ތެރޭގައި ސްމާޓް ސްޓޯ ފާމަސީއަށް ބަދަލުކޮށް އަލުން ހުޅުވާނެ ކަމަށެވެ. މި ބަދަލު ގެނައުމުގެ މަސައްކަތް ފަށާފައިވަނީ ހުޅުމާލެ ހޮސްޕިޓަލަށްދާ ބަލި މީހުންނަށް ރަނގަޅު ފެންވަރެއްގެ ފާމަސީއެއްގެ ހިދުމަތް ދެވެން ނެތުމުން އަންނަ ޝަކުވާތަކާ ގުޅިގެންކަމަށް ޝިމާދު ވިދާޅުވިއެވެ.
ހުޅުމާލެ 1 ގެ އިތުރުން ހުޅުމާލެ 2 ގައި ވެސް އެސްޓީއޯގެ ފާމަސީއެއް ހުޅުވުމުގެ ވިސްނުން ހުރިކަން ހާމަކުރައްވަމުން ޝިމާދު ވިދާޅުވީ ރައްޔިތުންނަށް ބޭސް ފޯރުކޮށްދިނުމަކީ، އެ ކުންފުނިން އާމްދަނީ ހޯދަން ކުރާ ވިޔަފާރިއެއްގެ ބަދަލުގައި އާންމުންނަށް ލުއި ފަސޭހަކޮށްދިނުމަށް ދޭ ހިދުމަތެއް ކަމުގައެވެ. އެހެންކަމުން ބޭސް ލިބުމުގައި މިހާރު ދިމާވާ މައްސަލަ ހައްލުކޮށް ފަސޭހައިން ބޭސް ލިބޭނެ ގޮތްތައް ފަހި ކުރުމަށް ހާއްސަ އިސްކަމެއް ދެއްވާކަމުގައި ޝިމާދު ވިދާޅުވިއެވެ.
ބޭސް ގެނައުމުގައި ދަތިތައް ހުރުމުން، ކަމާ ގުޅޭ ފަރާތްތަކާ އެކު ކުރި މަސައްކަތުން އެކަށީގެންވާ ހައްލެއް މިހާރު ލިބިފައިވާކަން ފާހަގަކުރައްވަމުން ޝިމާދު ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ ބޭސް ހޯދަން އަންނަ މީހުންނަށް ކޮލިޓީ ބޭސް، ހުސްނުވެ ލިބެން ހުންނަ ތަނަކަށް ހެދުންކަމަށެވެ.
ހުޅުމާލޭގައި ކުރިން އެސްޓީއޯ ފިހާރަ ހިންގި ތަނުގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރި ކުރެވޭ ގޮތަށް އެސްޓީއޯގެ ސްމާޓް ސްޓޯ ހުޅުވީ ޖުލައި 2023ގައެވެ.